ދުނިޔެ

ރަޝިއާ، ނޭޓޯ ގައުމަކަށް ހަމަލާދީފާނެ ކަަމަށް ތައްޔާރުވަނީ

ނޭޓޯގެ މެމްބަރު ގައުމަކަށް ރަޝިއާ ހަމަލާދީފިނަމަ މެމްބަރު ހުރިހާ ގައުމެއް ގުޅިގެން ކަންކުރާނެ ގޮތް ރާވަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިކަމަށް ބޭނުންކުރާ ކޮމާންޑް ސެންޓަރު ހުންނާނީ ޖަރުމަނުގަ އެވެ.

ރަޝިއާގެ ކިބައިން ބަދަލުހިފުމަށް ނޭޓޯ ގައުމުތައް ގުޅިގެން އަސްކަރީ ފަރިތަކުރުންތައް މި ޖެނުއަރީގައި ވަނީ ފަށާފަ އެވެ. މި ރޭވުންތައް ބިނާކޮށްފައި އޮތީ ޔުކްރޭން ހަނގުރާމައާއި ގުޅިގެން ނޭޓޯ ގައުމުތަކުން ކުރި ސައްލާތަކުގެ މައްޗަށެވެ.

ހަބަރުތައް ބުނާ ގޮތުން ރަޝިއާގެ އަސްކަރިއްޔާއަށް ގެންނަ ބަދަލުތަކާ ގުޅިގެން ކޮމާންޑް ސެންޓަރު ހަރަކާތްތެރިވާނެ އެވެ. އަދި ރަޝިއާގެ ނިންމުންތަކަށް ކުރިމަތިލުމަށް އަސްކަރީ ފަރިތަކުރުންތައް ބާއްވާނެ އެވެ.

ނޭޓޯ ގައުމުތަކުން މިހާރު ވިސްނަނީ އަސްކަރީ އުފެއްދުންތައް ރަޝިއާއަށް ވުރެ އިތުރުކުރުމަށެވެ. އަސްކަރީ ގާބިލުކަން -- ނޭޓޯއަށް ނިސްބަތްވާ ހުރިހާ ގައުމެއްގައި -- ނޭޓޯއަށް ގަބޫލުކުރެވޭ ފެންވަރަކަށް މަތިކުރުމަކީވެސް މަޝްވަރާ ކުރެވޭ ކަމެކެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާދިނުމާ ގުޅިގެން ހުޅަނގުގެ ވިސްނުން ރަޝިއާއާ މެދު ވަނީ ވަރަށް ބޮޑަށް ބައިވެފަ އެވެ.

ރަޝިއާއިން ދެން ކަންކުރާނެ ގޮތް ޔޫރަޕްގެ އެއްވެސް ގައުމަކަށް ނޭނގެ އެވެ. މިހެން ކަން އޮތުމުން ޔޫރަޕްގައި ނޭޓޯ ތަމްސީލުކުރާ ގައުމުތަކުން ހީކުރަނީ އެ ގައުމަކަށް ރަޝިއާ އަރައިގަތުމަކީ ކޮށްފާނެ ކަމެއް ކަމަށެވެ. ނަމަވެސް ނޭޓޯ ގައުމަކަށް ހަމަލާދިނުމަކީ ރަޝިއާ ވިސްނާ ކަމެއް ނޫން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ނޫސްވެރިޔާ ޓާކާ ކާލްސަންއަށް މިދާކަށް ދުވަހު ދެއްވި އިންޓަވިއުއެއްގައި ވެސްމި ސުވާލު ފެންމަތިކުރެވުނެވެ.

ޕޫޓިން ވިދާޅުވީ ނޭޓޯ ގައުމުތަކުން ދެކެނީ ހުވަފެނެއް ކަމަށާއި އެ މީހުންނަށް ހުވަފެނުގައި ފެންނަނީ ރަޝިއާ ހަމަލާ ދޭން އުޅޭ ތަން ކަމަށެވެ.

ނޭޓޯ ގައުމުތަށް މިހާރު ތިބެނީ ސިހިސިހި ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ނޭޓޯ ގައުމުތަކުން ރަޝިއާއާ މެދު މިހާރު ދެކޭ ގޮތަށް ބަލާއިރު ދުރު ރާސްތާއެއްގައި އެކަމުން ރަޝިއާއަށް ވާނީ ފައިދާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ރަޝިއާ ކުރިން އޮތީ ވަރަށް ގިނަ ކަންކަމުގައި ޔޫރަޕަށް ދޫކޮށްލައިގެން ކަމަށެވެ. އެކަމަކު ރަޝިއާގެ ވިސްނުން މިހާރު އޮތް ގޮތުން ޔޫރަޕަށް ދެން ވާނީ ދަތި ކަމަށްވެސް ވިދާޅުވި އެވެ.