ދުނިޔެ

ޔުކްރޭން ނޭޓޯގައި ބައިވެރި ނުކުރާނެ: ޖަރުމަން

ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ނޭޓޯގައި ބައިވެރިވުމަށް ޔުކްރޭން އެދިފައި އޮތް ނަމަވެސް ކުރިއަށް އޮތް 30 އަހަރު ތެރޭގައި ވެސް އެކަން ނުވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް އެ މަނިކުފާން ދެންނެވި އެވެ.

ޝޯލްޒް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށުމުގައި ރަޝިއާ އެބުނާ ކަހަލަ ސަބަބެއް ނެތެވެ. ނޭޓޯ އަކީ ދުވަހަކު ވެސް ރަޝިއާއަށް ނުރައްކަލެއް ނޫން ކަމަށް ވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ޕޫޓިން އާއި ޝޯލްޒް އެންމެ ފަހުން ބައްދަލު ކުރެއްވީ މި އަހަރު ފެބްރުއަރީގައި މޮސްކޯގަ އެވެ. އެހެން ނަމަވެސް، ދެ ލީޑަރުން ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ޝޯލްޒް މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް، ނޭޓޯގައި ޔުކްރޭން ބައިވެރި ނުކުރާނެ ކަމަށް ޕޫޓިންއަށް ދެންނެވީ ކޮންއިރަކު ކަމެއް ވެސް ނޫސްވެރިންނަށް ވިދާޅެއް ނުވެ އެވެ. އާންމު ޚަބަރަށް އެނގިގެން ޝޯލްޒް މިފަހުން ޕޫޓިންއަށް ގުޅުއްވަފައި ނުވެ އެވެ.

ޔުކްރޭން ނޭޓޯގައި ބައިވެރިކުރުން ލަސްކޮށްލަނީ ރަޝިއާއަށް ޓަކައި ކަމަށް ވެސް ޝޯލްޒް ވިދާޅުވި އެވެ. އެހާ ދިގު މުއްދަތަކަށް ދަންމާލުމުން ރަޝިއާ ބޭނުން ގޮތަކަށް ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ އެމެރިކާ އާއި ޔޫރަޕުން ކަންކުރި ގޮތުން ކަމަށް ނޫސްވެރިއަކު ދެންނެވުމުން ޝޯލްޒް އެކަމަށް އިންކާރު ކުރެއްވި އެވެ. އަދި ވިދާޅުވީ ސަބަބެއް ނެތި ޕޫޓިން ފަށައިގެން އުޅޭ ހަނގުރާމައެއް ކަމަށެވެ.

ރަޝިއާއާ މަޝްވަރާ ކުރުމަކީ ޖަރުމަނުގެ ސިޔާސަތެއް ކަމަށް ޝޯލްޒް ވިދާޅުވި އެވެ. މަޝްވަރާއާ ނުލައި މަސްރަހަށް ހައްލެއް ނެތްކަން ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝޯލްޒް އަދި ވިދާޅުވީ ޕޫޓީންއާ މަޝްވަރާ ކުރެއްވުމުގައި ހުންނަވާނެ ކަމަށެވެ. ކިތަންމެ އުނދަގޫ ނަމަވެސް މަޝްވަރާއިން ހައްލު ހޯދޭތޯ ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޖަރުމަނު ގެންގުޅެނީ ރަޝިއާއާ ތަންކޮޅެއް ގާތް ގޮތެކެވެ. ޖަރުމަނުގެ މި ސިޔާސަތަށް ޔޫރަޕްގެ ގައުމުތަކުންނާއި އަމިއްލަ ގައުމުން ވެސް ޝޯލްޒްއަށް ޕްރެޝަރު އޮތީ ކުރިމަތިވެ ވަޑައިގެންފަ އެވެ.