ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ބާރުގަދަ ހަތިޔާރާއި އަސްކަރީ ދަރަޖައިގެ ޓޭންކްތައް ފޯރުކޮށްދޭން އެއްބަސްވި އެއްބަސްވުމުގައި ޖަރުމަނު ވެސް އޮތީ ބައިވެރިވެފަ އެވެ. އެއާއެކު ރަޝިއާ އާއި ޖަރުމަނާ ދެމެދު ނުތަނަވަސްކަން އުފެދި ގުޅުން ކަނޑާ ހިސާބަށް އޮތީ ގޮސްފަ އެވެ.
ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި -- އެމެރިކާގެ ޕްރެޝަރުގައި ޖަރުމަނު ޖެހި ރަޝިއާއާ ދެކޮޅަށް ނުކުތް ނުކުތުމުގައި އޮތް ވިސްނުމެއް ސާފުކޮށްދޭން ޖެހެ އެވެ. އެ ނޫން ގޮތެއްގައި ޖަރުމަނާ މެދު ރަޝިއާގެ ވިސްނުން މިހާރު އޮތް ހަރުފަތުން ލުއިގެން ދާނެ އެވެ.
ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލް މިކަމާ ބެހޭ ގޮތުން ވާހަކަދައްކަވައި ވިދާޅުވީ -- ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ފޮރުކޮށްދެނީ ރަޝިއާއަށް ހަމަލާ ނުދޭން ޝަރުތުކޮށް ކަމަށެވެ. މާނަ އަކީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހަނގުރާމަ ހިނގާ ސަރަހައްދުން ބޭރުގައި ޖަރުމަނުގެ ޓޭންކްތަކާއި އެހެނިހެން ހަތިޔާރު ޔުކްރޭނުން ބޭނުން ނުކުރުމެވެ.
ޔުކްރޭނަށް ދުރުރާސްތާ ހަތިޔާރު ފޯރުކޮށްދިނުން މިހާރު އޮތީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. ރަޝިއާ ބުނާ ގޮތުން ހުޅަނގުން ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދޭ ވަރަކަށް ޔުކްރެން އަނދާނީ އެވެ.
ޔުކްރޭން އެއްކޮށް އަންދާލަން ހުޅަނގުން ބޭނުން ކަމަށްވާ ނަމަ ރަޝިއާގެ އަވަށްތަކަށް ފޯރާ ވަރުގެ ހަތިޔާރު ދިނުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ރަޝިއާ އޮތީ ބުނެފަ އެވެ.
ރަޝިއާގެ ރައީސް، ޖަރުމަނުގެ ޗާންސެލަރަށް އިންޒާރުދެއްވި ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ޝޯލްޒް ވިދާޅުވީ އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ.
ޕޫޓިންއަށް ފޯނުން ގުޅުއްވައި ޔުކްރޭން ހަނގުރާމަ ހުއްޓާލަން އެދިވަޑައިގެންނެވި ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އަދި ޔުކްރޭން ހަނގުރާމައިގެ ޒިންމާ ނަންގަވަން ޖެހޭނީ ހަމަައެކަނި ޕޫޓިން ކަމަށް ވިދާޅުވި ކަމަށް އޯލަފް ޝޯލްޒް ވިދާޅުވި އެވެ.