ދުނިޔެ

ޔުކްރޭން ހަނގުރާމަ މާދަމާވެސް ނިންމާލެވިދާނެ، ބޯޅަ އޮތީ ޔުކްރޭން ކޮޅުގައި: ރަޝިއާ

ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތައް ލަސްވެގެން މާދަމާވެސް ނިންމާލެވިދާނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ޕެސްކޯފް ވިދާޅުވި ގޮތުގައި ޝަރުތަކަށް އޮތީ ޔުކްރޭނަށް ކެރުން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ހަމަނުޖެހުންތައް ނިންމާލުމަށް ރަޝިއާ ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ހުރީ ނިންމާފައި ކަމަށާއި ބޯޅަ އޮތީ ޔުކްރޭން ކޮޅުގައި ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުން ޔުކްރޭން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ އެވެ. ޔުކްރޭންގައި ހަނގުރާމަ ނިންމުމުގެ ހިތްވަރު ނެތް ނަމަ ރަޝިއާ އޮތީ އަތްފޮޅާލާފައި ގެއަށް ދާގޮތަކަށް ނޫން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ވެސް ހަނގުރާމަ ނިމޭނެ ކަމަށް ފެނިވަޑައިގަންނަވަނީ 2023 ގައެވެ. އެކަމަކު އެއީ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއް -- އަދި އެކަމުގައި އޮތް ޝަރުތުތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރަޝިއާގެ އަސްކަރީ އެއާޕޯޓްތަކަށް ޔުކްރޭނުން ދިން ހަމަލާތައް ދިފާއުކުރައްވައި ޖަރުމަން ސަރުކާރުގެ ތަރުޖަމާން ސްޓެފަން ހޭބަސްޓައިޓް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ޕެސްކޯފް ވިދާޅުވީ ރަޝިއާއަށް ހަމަލާދޭން ޔުކްރޭނަށް ހިތްވަރުދޭ ގައުމުތަކާއި މީހުން އެނގިވަޑައިގަންނަވާ ކަމަށެވެ.

ހަނގުރާމަ ދިގުދަންމަން ޔުކްރޭނަށް ހިތްވަރުދިނުމަކީ ޔުކްރޭނަށް ހެޔޮއެދުން ނޫން ކަމަށް ވެސް ޕެސްކޯވް ވިދާޅުވި އެވެ.

ރަޝިއާ، ކަޒަކިސްތާން އަދި އުޒްބެކިސްތާންގެ ގޭސް ޔޫނިއަންގައި ބައިވެރިވުމަށް އުޒްބެކިސްތާނުން ދެކޮޅު ހެދި ކަމަށް ޚަބަރުތައް ބުނާ ކަމަށް ޕެސްކޯފްއަށް ދެންނެވުުމުން އޭނާ ވިދާޅުވީ ނޫސްވެރިން ހަގީގަތް އޮޅުވާލާފައިވާ ކަމަށެވެ. ސިޔާސީ ހާލަތްތަކާއި ގޭހާ ގުޅުވައި އެއްވެސް ބަޔަކު މަޝްވަރާ ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.