ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވަރަށް ގިނައިން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށް ފޯނުކުރައްވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް އެ ދެ ލީޑަރުން މަޝްވަރާ ކުރައްވާ ކަމެއް މަދު ފަހަރަކު ނޫނީ މީޑިއާތަކަކަށް ނުއިވެ އެވެ.
އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި ޕޫޓިންއަށް 90 މިނެޓްގެ ފޯނުކޯލެއް ކުރެއްވި އެވެ. އެކަމަކު ދެއްކެވި ވާހަކައެއް، ކުރެއްވި މަޝްވަރާއެއް މާބޮޑަށް ތަފުސީލުކޮށެއް ނުދެއްވަ އެވެ.
ޝޯލްޒް ވިދާޅުވި ގޮތުގައި ޕޫޓިންއާ މަޝްވަރާ ކުރެއްވުމަކީ މަޖާ ކަމެކެވެ. ދެ ލީޑަރުންގެ ފިކުރާއި ނިންމުންތައް ކިތަންމެ ތަފާތު ނަމަވެސް، މަޝްވަރާ ކުރެއްވުމުގައި އެތަނެއް ނުފެނެ އެވެ.
މަޝްވަރާތަކުން ކުރިއެރުން ލިބިވަޑައިގަންނަވާ ކަމަށް ޝޯލްޒް ވިދާޅުވި އެވެ. އެއަށްވުރެ ވެސް ބޮޑަށް ނުތަނަވަސްކަމެއް ނެތި މަޝްވަރާ ކުރެވުމަކީ ހިތްހަމަޖެހި ވަޑައިގަންނަވާ ކަމެއް ގޮތުގައި ޗާންސެލަރު ފާހަގަކުރެއްވި އެވެ.
ޕޫޓިންގެ ވާހަކަދެއްކެވުމާއި އަދަބު، އަބަދު ވެސް ހުންނަނީ އެކުވެރި ރާގަކަށް ކަމަށް ޝޯލްޒް ވިދާޅުވި އެވެ. މަޝްވަރާތަކުގައި ދެ ލީޑަރުންނަށް ފެނިވަޑައިގަންނަވާ ގޮތް ވަކި ގޮތަކަށް ހުށަހެޅުމުން ވާހަކަދެއްކެވުމުގެ ރާގަށް ބަދަލު ނާންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކުށްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އެ މީހުން ދޫކޮށްލުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތައް ކާމިޔާބު ކަމަށް ޝޯލްޒް ވިދާޅުވި އެވެ.
ރަޝިއާއިން ގޮވާން ބޭރުކުރުމާއި ޔުކްރޭން ހަނގުރާ ހުއްޓާލުމާ ބެހޭ ގޮތުން ވެސް ޕޫޓިންއާ މަޝްވަރާ ކުރެއްވި ކަމަށް ޗާންސެލަރު ވިދާޅުވި އެވެ.
ޝޯލްޒް ވިދާޅުވި ގޮތުގައި ފޯނުކޯލުތައް ދިގުދެމިގެން ދަނީ ވާހަކަދެއްކެވުމުގެ ރާގު އެކުވެރިކަމުންނެވެ. އޭނާ އަދި ވިދާޅުވީ އުންމީދު ކުރައްަވަނީ އެފަދަ މާހައުލަކުން ޔުކްރޭން މައްސަލައަށް ހައްލު ހޯއްދެވުން ކަމަށެވެ.
ޔުކްރޭން ހަނގުރާމާގައި ރަޝިއާ ކޮޅަށް ޖަރުމަނު ބުރަވެފައި އޮންނަ ކަމަށް ބުނެ ވަރަށް ގިނަ ފަހަރު ޖަރުމަނަށް ފާޑުކިޔުން އަމާޒުވެ އެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ވެސް ގެއްލުން ބޮޑު ހަތިޔާރު ޖަރުމަނުން ފޯރުނުކޮށްދޭ ކަމަށްވެ އެވެ.
އޯލަފް ޝޯލްޒް މީގެ ކުރިންވެސް ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓުވެން އޮތް ގޮތަކީ މަޝްވަރާ ކަމަށް ވިދާޅުވެފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް އިޚުލާސްތެރިކަމާ އެކު މަޝްވަރާ ކުރުމަށް ވުރެ އަވަސް ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.