ރަޝިއާ ބަލިކުރުން ޔުކްރޭނަށް އުނދަގޫ ކަމަކަށް ނުވާނެކަން ސާބިތުކުރެވިއްޖެ ކަމަށް ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރޯ ކުލެބާ ވިދާޅުވެއްޖެ އެވެ.
ޔުކްރޭނަށް ވަޑައިގެން އުޅުއްވާ ޖަރުމަނުގެ ފޮރިން މިނިސްޓަރު އަރިހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ކުލެބާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭން ބައެއް ގައުމުތަކުން ޖެހިލުންވެ އެވެ.
ކުލެބާ ވިދާޅުވި ގޮތުގައި ހަތިޔާރު ނެތި ހަނގުރާމަ ކާމިޔާބު ނުވާނެ އެވެ. ރަޝިއާ ބަލިކުރަން ނުކުމެ ތިބި ނަމަ ޔުކްރޭނަށް ހަތިޔާރު ދިނުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ހަތިޔާރު ދޭން ގައުމުތަކުން ބިރުގަންނަނީ ޕޫޓިން ކޯފާވެދާނެތީ ކަމަށްވެސް ކުލެބާ ވިދާޅުވި އެވެ. އެކަމަކު ބައެއް ގައުމުތަކުން ޕޫޓިންއަށް ބެލުމެއް ނެތި ހަތިޔާރު ފޯރުކޮށްދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުން ކުރިން ބުނި ގޮތުގައި ގައުމު ދިފާއުގައި ބޭނުންކުރަން ހުރި ހަތިޔާރު ފިޔަފައި އިތުރު ހަތިޔާރެއް ޖަރުމަނުގައި ނެތެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެވެން އޮތީ އަލުން ހަތިޔާރު އުފައްދައިގެން ކަމަށްވެސް ފޮރިން މިނިސްޓަރު އަނަލިނާ ބިއާބޮކް އޮތީ ވިދާޅުވެފަ އެވެ.
ރަޝިއާ ސިފައިން ކުރިން ހިފައިގެން ތިބި ބައެއް އަވަށްތައް މިނިވަން ކުރެވުނީ ވެސް އެކަށިގެންވާ ހަތިޔާރު ލިބިގެން ކަމަށް ކުލެބާ ވިދާޅުވި އެވެ. ރަޝިއާ ބަލިކުރަން ބާރުގަދަ ހަތިޔާރު ފިޔަވައި އިތުރު އެއްޗެއް ބޭނުންނުވާ ކަމަށްވެސް ކުލެބާ ވިދާޅުވި އެވެ.
ޔުކްރޭންގެ ބައެއް އަވަށްތަކުން ރަޝިއާ ސިފައިން ފައިބައިގެން ދަނީ ބަލިވެގެން ކަމަށް ބުނާ ބުނުމަށް ރައްދުދީ ރަޝިއާއިން ބުނީ ފައުޖުތައް އަލުން ރުކުރުވާލަނީ ކަމަށެވެ. ދޮންބާސް ސަރަހައްދުގައި ބާރުގަދަ ކުރުމަށްޓަކައި އަސްކަރިއްޔާއިން ސަފުތައް ގާއިމުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ކުލެބާގެ ވާހަކަތަކަށް ފަރު ބިއާބޮކް ވާހަކަދައްކަވުން ވިދާޅުވީ ޖަރުމަނުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދޭނެ ކަމަށެވެ. އެހެންނަމަވެސް ޔުކްރޭނުން އެދޭހާ ހަތިޔާރެއް ފޯރުކޮށް ދެއްވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.