ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޖަރުމަނުން ޔުކްރޭނަށް ތާއީދުކުރުން އެ ގައުމުގައި ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
އަދި ވަކި ޔުުކްރޭނަށް ހަތިޔާރު ދިނުމަކީ ޖަރުމަނުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ހިތްހަމަ ނުޖެހިފައި ތިބި މީހުން ދަނީ ބުނަމުންނެވެ.
ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އާންމުންގެ އެތައް ބަޔަކު ވެރިރަށް ބާލިން އަދި އިތުރު އެހެން އަވަށްތަކުގެ މަގުތަކަށް ނުކުމެ ނުރުހުން ފާޅުކުރަމުން ވެސް އެބަދެ އެވެ.
އެ މީހުން ސަރުކާރަށް ގޮވާލަނީ ޔުކްރޭން ހަނގުރާމައަށް އެހީތެރިވުން ހުއްޓާލުމަށާއި ނޭޓޯއާ ގުޅިގެން ވެސް ޔުކްރޭން ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށް ނުދިނުމަށެވެ.
ސަރުކާރަށް ލިބޭ ޓެކްސް ފައިސާ ހަނގުރާމައަށް ހޭދަކުރުމަށް ވުރެ ސުލްހަވެރި ބޭނުންތަކަށް ހޭދަކުރަން އާންމުން ދަނީ ގޮވަމުންނެވެ.
ސުލްހަވެރި ސިޔާސަތުތައް ތަންފިޒު ކުރުމަށާއި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށް އަދި ތިމާވެއްޓަށް -- މޫސުމަށް ކުރާ ނޭދޭވޭ އަސަރުތަކުން ސަލާމަތްވުމަށް ހޭދަކުރުން މާ ރަނގަޅު ކަމަށް ދަނީ ބުނަމުންނެވެ.
އިހުތިޖާޖުކުރާ މީހުންގެ އެދުމަކީ ރަޝިއާ، ޔުކްރޭން ސުލްހަވުމަށް ޖަރުމަން މެދުވެރިވުމެވެ. އަދި ކޮންމެވެސް އެހެން މާނައަކުން ނަމަވެސް ޔުކްރޭން ހަނގުރާމަ ނިމެން އޮތް ނަމަ ޖަރުމަނުން އެކަމެއްގައި ބައިވެރިވުމެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކުން ޔުކްރޭން ދިފާއުކުރުމަށް ހުޅަނގުން އޮތީ ފޫގަޅައިގެންނެވެ.
ރަޝިއާގެ ފައުޖުތަކަށް ރައްދު ހަމަލާދިނުމަށް ޒަމާނީ ހަތިޔާރު ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެ އެވެ. ޖަރުމަނު ވެސް ހިމެނެނީ ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގަ އެވެ.
ޖަރުމަންގެ ޗާންސެލަރު އޯލަވް ޝޯލްޒް ސެޕްޓެމްބަރުގައި ވިދާޅުވި ގޮތުގައި ޖަރުމަނު އޮންނާނީ ނޭޓޯއާ އެކު އެވެ. އަދި އެކަނިމާ އެކަނި ޔުކްޜޭން ހަނގުރާމައަށް ހޭދަކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭނަށް ހަތިޔާރު ދީގެން ހަނގުރާމަ ހޫނު ނުކުރުމަށް މޮސްކޯ އޮތީ ހުޅަނގަށް ގޮވާލާފަ އެވެ. ހަތިޔާރު ފޯރުކޮށްދޭހާ ހިނދަކު ހަނގުރާމައަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް މޮސްކޯ ބުނެ އެވެ.