ބެލަރޫސްގައި ރަޝިއާ އިން ބެހެއްޓި އިސްކަންދަރު މިސައިލް ސިސްޓަމްތައް -- އެއިން ހިފަންޖެހޭ ބޭނުންތަކަށް ތައްޔާރު ކަމަށް ބެލަރޫސްގެ ދިފާއީ ވުޒާރާގެ އޮފިޝަލް -- ލިއޮނިޑް ކަސިންސްކީ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
ލިއޮނިޑް ކަސިންސްކީ ވިދާޅުވީ އިސްކަންދަރު މިސައިލް ސިސްޓަމްގެ އިތުރުން އެސް-400 މިސައިލް ޑިފެންސް ސިސްޓަމްތައް ވެސް ހުރީ ތައްޔާރީ ހާލަތުގައި ކަމަށެވެ.
ޓެލެގްރާމްގައި ހިއްސާކުރި ވީޑީއޯ މެސެޖެއް މެދުވެރިކޮށް އޭނާ ވިދާޅުވީ ރަޝިއާ ސިފައިންނާ ގުޅިގެން ބެލަރޫސްގެ ސިފައިން މިހާރު ތިބީ މިސައިލް ޑިފެންސް ސިސްޓަމްތައް ރަނގަޅަށް ދަސްކޮށްގެން ކަމަށެވެ.
މިސައިލްތައް ބޭނުންކުރަން ޖެހިއްޖެ ހާލަތަކަށް ބޭނުންވާ ހުރިހާ ތަމްރީނެއް ބެލަރޫސްއަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލިއޮނިޑް ވިދާޅުވި ގޮތުގައި ޒަމާނީ ހަނގުރާމަތަކުގައި ބޭނުންކުރަނީ ބާރުގަދަ މިސައިލާއި އަދި މިސައިލުން ދިފާއުވާ ނިޒާމްތަކެވެ. ބެލަރޫސްގައި އެ ހުރިހާ އާލާތެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ މިއަހަރު ކުރީކޮޅުު -- 24 ފެބްރުއަރީގައި ފެށުނުތަނާހެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ބެރަލޫރްގެ ރައިސް އެލެގްޒެންދަރު ލުކަޝެންކޯ ބައްދަލު ކުރެއްވި އެވެ.
ދެ ލީޑަރުން މަޝްވަރާކުރެއްވީ ނޭޓޯއިން ބެލަރޫސްއަށް ދީފާނެ ހަމަލާއަކާ ބެހޭ ގޮތުންނެވެ. މި ބައްދަލުވުމުގައި ބެލަރޫސްގައި އިސްކަންދަރު މިސައިލް ބަހައްޓާ ގޮތަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެވެ.
ބެލަރޫސްގައި ބަހައްޓާފައި ހުރި އިސްކަންދަރު މިސައިލްތަކުގެ ތެރޭގައި ނިއުކްލިއާ އުފުލޭ ވަރުގެ މިސައިލް ހުރިކަމެއް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ލުކަޝެންކޯ ވިދާޅުވި ގޮތުގައި ބެލަރޫސް އަކީ ނިއުކްލިއާ ގާބިލު ގައުމެކެވެ.
މޮސްކޯއިން އެދިއްޖެ ހާލަތެއްގައި ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށް ވެސް މިންސްކް އިން ވަނީ ބުނެފަ އެވެ.