ދުނިޔެ

ބަލައިގެން އުޅުއްވުމަށް ޕްރިގޯޒިނަށް ދެންނެވިން: ލޫކަޝެންކޯ

ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން އާއި އެ ގުރޫޕުގެ ނައިބު ދިމިތުރީ އޫތުކިންގެ އަރިހުގައި، ސަމާލުވެ އުޅުއްވުމަށް ދެންނެވި ކަމަށް ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުގައި، ބެލަރޫސްގައި މަޑުކުރެއްވުމަށް ދެންނެވުމުން ވެސް އެ ދެ ބޭފުޅުން އެ ގޮތް އިޚުތިޔާރު ނުކުރެއްވި އެވެ.

ވެގްނާ ސިފައިންނަށް ބެލަރޫސް ވަރަށް ރައްކާތެރިވާނެ ކަމަށް ވިދާޅުވެ ޕްރިގޯޒިންއަށް ދެންނެވުމުން -- އެ ގޮތް ވެސް އޭނާ ގަބޫލުނުކުރެއްވި ކަމަށް ލޫކަޝެންކޯ ވިދާޅުވި އެވެ.

ޕްރިގޯޒިން އިސްވެ ހުންނަވައި މިދިއަ ޖޫން މަހު ވަނީ ރަޝިއާއަށް ވަދެގަނެ ޕޫޓިންގެ ސަރުކާރު ވައްޓާލުމަށް ބަޣާވާތެއް ގެނައުމަށް މަސައްކަތްކޮށްފަ އެވެ.

ނަމަވެސް، މޮސްކޯއަށް ކުލީ ސިފައިން ވަނުމުގެ ކުރިން ވަނީ ރަޝިއާގެ ވެރިންނާ އެކު ޑީލެއް ހަދައި އަމާންދީފަ އެވެ.

ރަޝީއާގެ ރައީސް ލަޑިމިއާ ޕޫޓިން ކުރިން ވިދާޅުވި ގޮތުގައި ޕްރިގޯޒިންއަށް ދިއްކޮށްލި ސުލްހައިގެ އަތުގައި ނުހިފި ނަމަ އޭނާގެ ހަޔާތް -- އަދި އެ ގުރޫޕް ވެސް ވުޖޫދުން ފޮހެލައްވާނެ އެވެ. އެ ނޫން ގޮތެއްގައި ޕްރިގޯޒިންއަށް އޮތީ ސަރުކާރުގެ އަމުރަށް ތަބާވުން ކަމަށް ވެސް ވިދާޅުވި އެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުގައި މޮސްކޯއަށް އަރައިގަތުމަށް ޕްރިގޯޒިން އިޚުތިޔާރު ކުރެއްވުމުން -- އޭނާގެ ދުވަސް ދިޔައީ ކަމަށް ޕްރިގޯޒިންއަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.

ޖަވާބުގައި ޕްރިގޯޒިން ވިދާޅުވި ކަމަށް ލޫކަންޝެންކޯ ވިދާޅުވީ، މަރުވިޔަސް ހެޔޮ ކަމަށެވެ.

ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި އަމިއްލަ މަތިންދާބޯޓު ވެއްޓި އޭގައި ތިބި 10 މީހުން މިހާރު ވަނީ މަރުވެފަ އެވެ.

ޕްރިގޯޒިން ދަތުރުކުރި ޕްރައިވެޓް ޖެޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުން ބޯޓު ވައްޓާލުމުގެ އަޑީގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހުންނަވާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވިދާޅުވީ ވެގްނާ ޗީފް މަރުވި ޚަބަރު އިވިވަޑައިގެން ސިހިވަޑައިގެންނެވި ކަމަށެވެ. އަދި އޭނާއާށް ވީގޮތް ޕޫޓިންއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ބައިޑަން ވެސް ވިދާޅުވި އެވެ.