ދުނިޔެ

ރަޝިއާއާ އެކު ބެލަރޫސް ވެސް ހަލާކުވާނެ: ލޫކަޝެންކޯ

ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ވިދާޅުވި ގޮތުގައި، ރަޝިއާގެ ހާލަތާ މެދު ބެލަރޫސް ސީރިއަސްވަނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ.

ރަޝިއާ ދެމިއޮތްހައި ހިނދަކު ބެލަރޫސްއަށް ރައްކާތެރިކަން އޮންނާނެ ކަމަށް ވިދާޅުވެ ލޫކަޝްކޯ ވިދާޅުވީ ރަޝީއާ ފުނޑުފުނޑުވުމުން ފައިބާ ހުރިހާ ހިރަފުހެއް އެޅޭނީ ބެލަރޫސްގެ ބޮލަށް ކަމަށެވެ.

ވެގްނާ ގުރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން -- އެ ގުރޫޕްގެ ކުލީ ސިފައިން ލައްވައި ރަޝިއާގައި ހުކުރާއި ހޮނިހިރުގައި ހިންގީ ބަލަހައްޓައިގެން ހުންނަވަން ފަސޭހަ ހަރަކާތެއް ނޫން ކަމަށް ލޫކަޝެންކޯ ވިދާޅުވި އެވެ.

ބެލަރޫސްގެ އާބާދީގެ ބޮޑު ބަޔަކަށް އެއީ ބިރުބޮޑު ދެ ދުވަސް ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.

ވެގްނާ ގުރޫޕާ އެކު ޑީލެއް ހައްދަވަން ޖެހިވަޑައިގަތީ ފެނިވަޑައިގެންނެވި ބިރުވެރި މަންޒަރުގެ ބޮޑުކަމުން ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.

އެލެގްޒެންދަރު ލޫކަޝެންކޯ ދެކެވަޑައިގަންނަވާ ގޮތުގައި ވެގްނާ ގުރޫޕުން ކުޅެން އުޅުނު ކުޅިގަނޑުގެ ފަހަތުގައި ހުޅަނގު އޮންނާނެ އެވެ. ވެގްނާ ގުރޫޕްގެ ލީޑަރު ޕްރިގޯޒިންނަށް ކޮންމެވެސް ކަހަލަ ޖާދޫއެއް ހުޅަނގުން ދެއްކީ ކަމަށް ވެސް ލޫކަޝެންކޯ ތުހުމަތުކުރައްވަ އެވެ.

ވެގްނާ ގުރޫޕަކީ ރަޝިއާ ސަރުކާރު ސިފައިންނަށް މަގު ތަނަވަސްކޮށްދޭ ކުލީ ސިފައިންގެ ގުރޫޕެކެވެ. އެ ގުރޫޕުގެ މަސްލަހަތަކީ ރަޝިއާގެ މަސްލަހަތެވެ. މިހެން ކަން އޮތް ނަމަވެސް ހުކުރު ދުވަހު ހަމަ ކުއްލިއަކަށް ޕްރިގޯޒިން އަސްކަރީ ބަޣާވާތަކަށް ގޮވާލައިވައި ވަނީ ކުލީ ސިފައިން ގޮވައިގެން ރަޝިއާއަށް އަރާފަ އެވެ.

މިހެން ކަން ހިނގައި ދިޔަ ނަމަވެސް ޕްރިގޯޒިން ފަހުން ބުނީ މޮސްކޯއަށް އަރައި ޕޫޓިންގެ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. އަދި ލޫކަޝެންކޯއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް -- ހަމަނުޖެނުންތައް ހުއްޓާލައި ސިފައިން ގޮވައިގެން ކޭމްޕްތަކަށް ދާން ނިންމީ ކަމަށެވެ.

މޮސްކޯއަށް ނޭރީ ބޮޑު ލޭއޮހޮރުވުމެއް ހިނގާނެތީ ކަމަށް ޕްރިގޯޒިން ބުންޏެވެ.