ރަޝިއާއަށް އަރައިގަނެ ބަޣާވާތްކޮށް ވެރިކަން ވައްޓާލުމަކީ އެއްއިރެއްގައި ވެސް ރޭވުމުގައި އޮތް ކަމެއް ނޫން ކަމަށް ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ބުނެފި އެވެ.
އޭނާ ބުނީ ހުކުރު ދުވަހު ވެގްނާ ގުރޫޕުން ކުރިހާ ވެސް ކަމަކީ ދައްކާލުން ކަމަށާއި -- ރަޝިއާގެ އަސްކަރިއްޔާގައި ރެނދުއެޅި ގައުމުގެ ރައްކާތެރިކަން ގެއްލިފައިވާކަން ދުނިޔެއަށް ސާބިތުވެއްޖެ ކަމަށެވެ.
ވެގްނާ ގުރޫޕުން އަނގަމަޑުން ނުލައި ހަޅޭއްފަޅޭއް ޖަހަމުން ދިޔައީ ރަޝިއާގެ ދިފާއީ ނިޒާމުގައި ބޮޑެތި ބާގަނޑުތަކެއް ހުރުމުން ކަމަށް ވެސް ޕްރިގޯޒިން ބުންޏެވެ. އޭނާ އަދި ބުނީ ރަޝިއާގެ އަސްކަރީ ޖެނެރަލުން ކުރެ އެކަކުވެސް އޭނާ ދެއްކި ވާހަކައަށް ޝައުގުވެރިވެ ވަޑައި ނުގަތް ކަމަށެވެ.
ރަޝިއާ މިހާރު އޮތް ހާލަތުން އަސްކަރިއްޔާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ޕްރިގޯޒިން ބުންޏެވެ. އަސްކަރީ ސިޔާސަތުތައް ދޯހަޅުވުމުގެ ހެކި ހޮނިހިރު ދުވަހު ފެނިފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިގޯޒިން ބުނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޔުކްރޭންގެ ބޯޑަރު ހުރަސްކޮށް އޭނާގެ އަމުރަށް ވެގްނާ ކުލީ ސިފައިން ރަޝިއާއަށް އެރި ކަމަށެވެ. އަދި ސިފައިންގެ ބާރުތަކާއި މަދަނީ ބާރުތައް އެ ގުރޫޕުން ކޮންޓްރޯލްކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިގޯޒިން ބުނި ގޮތުން ވެގްނާ ގުރޫޕުން ހަމަނުޖެހުން އުފެއްދުމުގައި އޮތް އަނެއް ބޭނުމަކީ ސަރުކާރަށް ވަފާތެރި ސިފައިން އޭނާ ގެންގުޅޭ ކުލީ ސިފައިންނަށް ހަމަލާދިނުން ކަމަށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެގްނާ ގުރޫޕް ދެމިއޮންނަން ވާނެ ކަމަށް އޭނާ ބުންޏެވެ.
ރައީސް ލަޑިމިއާ ޕޫޓިންގެ ވެރިކަމާ ތޮޅުމަކީ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް ޕްރިގޯޒިން ބުންޏެވެ. ވެރިކަމަށް ލޮޅުންއަރާ ހިސާބުން -- ހަމަނުޖެހުންތައް ހުއްޓާލުމުގެ ވިސްނުން އޮތް ކަމަށް އޭނާ ބުންޏެވެ.
ޕްރިގޯޒިން ބުނީ ބާރަށް ފައިޖަހާފައި މޮސްކޯއާ ދިމާއަށް ހަނގުރާމަވެރިން ދަތުރުކުރި ކަމަށާއި ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯއާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، މޮސްކޯއަށް ނާރާނެ ކަމަށެވެ.
ލޫކަޝެންކޯއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޕްރިގޯޒިން ދެން ދާނީ ބެލަރޫސްއަށެވެ. އަދި ވެގްނާ ގުރޫޕްގެ މުސްތަގުބަލާ މެދު ބަހުސްކޮށް ގޮތެއް ނިންމާނެ އެވެ.
ރަޝިއާއިން ހުށަހަޅާފައި އޮތީ ވެގްނާ ގުރޫޕަށް ނިސްބަތްވާ ހުރިހާ ސިފައިން، ސަރުކާރު ސިފައިންނާ ގުޅުމަށެވެ. ނުވަތަ ރަޝިއާ ދޫކޮށް ބެލަރޫސްއަށް ދިއުމަށެވެ.
ވެގްނާ ގުރޫޕަށް މިއިން ހާލަަތަކަށް އެއްބަސް ނުވެވުނު ނަމަވެސް، ރައީސް ޕޫޓިން ވިދާޅުވެފައި އޮތީ އެ މީހުންނާ މެދު ހަރުކަށި އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށެވެ.