ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު އަތުލައިގެންފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގެންފައިވާ ކަމަށެވެ.
ފަހްމީ ވިދާޅުވި ގޮތުގައި ވައްކަން ކުރަން އުޅުނު މީހާ ވަނީ އެތަނަށް ދިޔަ ސްޓެލްކޯގެ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފަ އެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމުގައިވެސް ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
ފަހްމީ އިތުރަށް ވިދާޅުވި ގޮތުގައި ސްޓެލްކޯގެ މުވައްޒަފުގެ ބޮލުގައި ޖަހައި މަރާމާރީ ހިންގުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކުން ނުވަތަ މަރުގެ އެތިފަހަރަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އަދި އެ މުވައްޒަފު އެ ވަގުތު ދެއްކި ހިތްވަރުގެ އަގު އެ ކުންފުނިން ވަޒަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ސްޓެލްކޯގެ މުވައްޒަފުންނަށް ޔަގީންކަން މިދެނީ އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެކަން. އަދި އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއްގައި ސީރިއަސް ކަމެއްގެ ގޮތުގައި ދެކި އެކަމެއް ހައްލުކުރާނެ،" ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން އެމްޕީއެލްގެ ތިން ޓަވަރުން ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެކަމަކު ސްޓެލްކޯ އިން ވަނީ މިހާރު އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދީފަ އެވެ.