ސްޓެލްކޯ

ހޮނިހިރު ދުވަހު ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ މަސައްކަތެއް ކުރާތީ ހޮނިހިރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ގާއިމުކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އެ މަސައްކަތް ކުރާތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނީ ހޮނިހިރު ދުވަހު ހިޔާ ޓަވަރު އެކަކުން އަށަކަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި ޓަވަރު ނުވައަކުން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.