އާބަންކޯ

ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލައިގައި ކުރި ޖޫރިމަނާ ނުދައްކާ

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހެދި މައްސަލައިގައި ކުރި ޖޫރިމަނާ މުއްދަތުގެ ތެރޭގައި ނުދައްކާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އާބަންކޯއިން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ދިން މުއްދަތު ހަމަވީ އިއްޔެ އެވެ.

ޖޫރިމަނާ ދެއްކުމުގެ އިތުރުން އެޕާޓްމަންޓްތައް ކުރިން ހުރި ގޮތަށް 10 ދުވަސް ތެރޭގައި ބަދަލުކުރަންވެސް އާބަންކޯއިން ވަނީ އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފަ އެވެ.

މި ދެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރިއިރު އާބަންކޯ އިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެ އެޕާޓްމަންޓްގެ ވެރިން ގުޅިގެން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި އެތަން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާ އާބަންކޯ އިން ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.