ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އަގުން އިތުރު އެއްލައްކަ ރުފިޔާ މައާފްކޮށްދީފި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމާއި ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުން އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދުގެ އެވްރެޖް އަގެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ދެ ލައްކަ ރުފިޔާ އެވެ.
ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ކަންކަން ކުރެއްވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހު އިއްޔެ ނިންމެވި ގޮތް ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓް ފިނިޝިންއަށް ކުރި ހަރަދުން ދެ ލައްކަ ރުފިޔާ އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ ވައުދާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ސަރުކާރުން އިއްޔެ ނިންމާ އިއުލާންކުރީ ދެ ލައްކަ ރުފިޔާ އަނބުރާ ދިނުމުގެ ފޯމިއުލާއެއްގެ ގޮތުގައި ހިޔާ ފްލެޓްގެ ކުލި 3،984 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ. އެގޮތުން ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ހިޔާގެ ކޮންމެ ފްލެޓަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3،984 ރުފިޔާ އާއި މެއިންޓަނަސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ. އެކަމަކު ސަރުކާރުން ގެނައި ބަދަލާ އެކު އުނިވަނީ 110،000 އެއްހާ ރުފިޔާ އެވެ. ނަމަވެސް އާބަންކޯ އިން މިއަދު އިއުލާންކުރި ގޮތަށް އަމަލުކޮށްފިނަމަ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ދެ ލައްކަ ރުފިޔާ ހިޔާ ފްލެޓްގެ ޖުމްލަ އަދަދުން އުނިވެގެންދާނެ އެވެ.
ހިޔާ ފްލެޓުގެ 16 ޓަވަރުގައި މީހުން ދިރިއުޅެނީ 6,720 ފްލެޓްގައެވެ. ނިމިޔަ ސަރުކާރުގައި ހިޔާ ފްލެޓްގެ މަހު ކުލީގެ އެންމެ ފުރަތަމަ ކަނޑައެޅީ 7،500 ރުފިޔާ އެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓްގެ މަހު ކުލި 5،300 ރުފިޔާއަށް ބަދަލުކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުގައި އެ ބަދަލު ގެނައީ ކުލީގެ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވެގެންދާ ގޮތަށެވެ. އެހެންކަމުން ހަގީގަތުގައި ކުލި ކުޑަނުވެ ކުލި ދައްކަންޖެހޭ މުއްދަތުވީ އިތުރެވެ.
އާބަންކޯގެ މައި އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމުގެ ގޮތުން އިތުރު އެއްލައްކަ ރުފިޔާ މައާފުކޮށްދޭން އެ ކުންފުނިން މިއަދު ނިންމާފައިވާ ކަމަށެވެ. މިބަލާ ގުޅިގެން ހިޔާ ފްލެޓްގެ ކުލީގެ މުއްދަތު 27 އަހަރުން 26 އަހަރަށް ކުޑަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިބަދަލުތަކާ އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ވެރިންނާ އެކު އާބަންކޯ އިން ހަދާފައިވާ އެއްބަސްވުމަށް ބަދަލު ގެންނާނެ ކަމުގައިވެސް ފަޒުލް ވިދާޅުވި އެވެ.