ބަޖެޓް 2024

ހިޔާ ފްލެޓްތަކުގެ ކުލި ހަމަޖައްސަން 177 މިލިއަން ރުފިޔާގެ ސަބްސިޑީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުން އެޗްޑީސީގެ ކޭޝްފްލޯ މެނޭޖުކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 177.4 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ހައުސިން ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަބްސިޑީއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދިނުމުން އެޗްޑީސީގެ ކޭޝްފްލޯ މެނޭޖުކުރުމަށް ދޭ ސަބްސިޑީއެކެވެ.

މެދުރާސްތާގައި ކުންފުނީގެ އާމްދަނީ އިތުރުވެ، ކޭޝްފްލޯ މެނޭޖުކުރުމަށް ދަތިނުވާނެ ކަމަށް ލަފާކޮށް މި ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ ވަންއޮފް ސަބްސިޑީއެއްގެ ގޮތުގައި އަންނަ އަހަރު އެކަނި ކަމަށް ބަޖެޓު ރިޕޯޓުގައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި، މެއިންޓަނަސް ފީ އާއެކު 6،300 ރުފިޔާއަށް ކުޑަކުރީ މިއަހަރުގެ މެއި މަހު އެވެ.

އޭގެ ކުރިން ހިޔާ ފްލެޓްތަކުގެ ކުއްޔާއި މެއިންޓަނަސް ފީ އަކީ 8،500 ރުފިޔާ އެވެ.

ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދިން ލުއިގެ ސަބަބުން ހިޔާ ފްލެޓުތަކުގެ ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުވެފަ އެވެ.