ހިޔާ މަޝްރޫއު

ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތައް މޭޔަރުގެ ސަމާލުކަމަށް

Apr 8, 2022
1

ހުޅުމާލެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތައް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރައްވައިފި އެވެ.

މޭޔަރާ އެކު އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހިޔާ ޔޫނިއަން އިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހިނގަމުން މިދާ ރޯދަ މަހާ ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނަގަން އެޗްޑީސީން ނިންމުމެވެ.

ހިޔާ ފްލެޓްތަކުގެ ކައިރީގައިވާ މަގުތައް ހަދާފައި ހުރި ގޮތުން ވެސް ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ޔޫނިއަން އިން ވަނީ ހިޔާ ފްލެޓްތަކުގެ ކައިރީގައިވާ މަގުތަކުގައި މަގު ބައްތި ނެތް މައްސަލައާއި މަގު ހެދިއިރު ދުވާރު ހަދާފައި ނުވާ މައްސަލަ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ހިޔާ ފްލެޓް ސަރަހައްދުގައި އަދިވެސް ބައެއް އަސާސީ ހިދުމަތްތައް ލިބިފައި ނެތުމާއި އެމީހުންނަށް ދަތިވާ އިތުރު ކަންކަމުގެ މައުލޫމާތު ވެސް މޭޔަރުގެ ސަމާލު ކަމަށް ގެންނެވި އެވެ.

މިބައްދަލުވުމުގައި މޭޔަރު މުއިއްޒު އެދިވަޑައިގަތީ ހިޔާ ޔޫނިއަން އިން ކަންބޮޑުވާ ކަންކަމުގައި ހައްލު ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށެވެ. އެ މަސައްކަތުގައި ސިޓީ ކައުންސިލަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ހިޔާ ޔޫނިއަން އިން އެންމެ ބޮޑަށް އެދެނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށެވެ. ހިޔާ ފްލެޓްތަކަށް މިމަހުން ފެށިގެން ކުލީގެ ގޮތުގައި ނަގަން ނިންމާފައިވަނީ ކޮންމެ މަހަކު 7،500 ރުފިޔާއާއި ކޮންމެ މަހަކު މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.

ހިޔާ ޔޫނިއަނުން އެދުނު ނަމަވެސް މިހާރު ކަނޑައަޅާފައިވާ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.