ވެމްކޯ

ހިޔާ ފްލެޓްތަކަށް ކުނީގެ ބިލް ފޮނުވުން ފަސްކޮށްފި

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭ ތާރީހު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސަރަހައްދުގައި ރައްޔިތުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވަކި ގޮތެއް އަންގަންދެން ކުނީގެ ހިދުމަތަށް ބިލް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެމްކޯއިން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ވެމްކޯއިން ޑަސްޓްބިން ބަހައްޓާފައިވާ ސަރަހައްދަށް ގިނަ އަދަދަކަށް ބަރު އަދި ބޮޑެތި ކުނި ޖަމާކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފަދަ ކުނި އުކާލުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް އެފަދަ ކުނި ގެންދިއުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ހިޔާ ފްލެޓުތަކުން ވެމްކޯއިން ކުނި ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ފްލެޓްތަކުން ކުނި ނަގަނީ ކޮންމެ ފްލެޓެއްގެ ތިރީގައި ވެމްކޯއިން ބަހައްޓާފައިވާ ބޮޑެތި ޑަސްބިންތަކަށް ފްލެޓްތަކުން ކުނި ގެނައުމުންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެޕާޓްމެންޓްތަކަށް ގޮސް ކުނި ނަގައިދޭން ވެމްކޯއިން ވަނީ ނިންމާފަ އެވެ. ހުޅުމާލޭގައި ވެމްކޯއިން ކުނި ނަގާ ގަޑިއަކީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:30 އަށެވެ.