ހިޔާ މަޝްރޫއު

ފިނިޝިންގެ ގަވައިދާ ހިލާފުވި 30 މީހަކު ޖޫރިމަނާކޮށްފި

ހުޅުމާލޭ ދެވަނަ ފިވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތުގެ ގަވައިދާ ހިލާފުވި 30 މީހަކު ހައުސިން ޑިވޮލަޕްމަންޓް ކޯޕަަރޭޝަން (އެޗްޑީސީ) އިން ޖޫރިމަނާކޮށްފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހިޔާގެ ފިނިޝިންނަށް އެޗްޑީސީން ގަވައިދުތަކަކާއި އުސޫލުތަކެއް ހަދައިފައިވާނެ ކަމަށެވެ. އެގޮތުން ފްލެޓަށް އެއްވެސް ބަދަލެއް އެޗްޑީސީގެ ހުއްދައާއި ނުލާ ނުގެނެވޭނެ އެވެ. ބަދަލެއް ގެންނަން ބޭނުންވާ މީހުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް އެކަމުގެ ހުއްދަ އަށް އެދުމަށް ވެސް އަންގާފައިވެ އެވެ. ނުވަތަ ސިޓީއަކުން އެޗްޑީސީގެ އޮފީހަށް އަންގަން އެދިފައިވެ އެވެ.

މީގެ އިތުރުން ފްލެޓް އެތެރޭގައި ޕާޓިޝަނެއް ހަރުކޮށް، ބައި ކުރާނަމަ އިމާރާތުގެ އެތެރޭގައި ވައިދަތުރުވުމަށް ހުރަސް ނޭޅޭނެ ގޮތަށް، އިމާރާތް ކުރުމުގައި ޓަވަރަށް ލޯޑް (ބަރުދަން) އިތުރުނުވާނެ ގޮތަށް ބަރުދަން ލުއި ތަކެތި ބޭނުންކޮށްގެން އެކަން ކުރަން އެދިފައިވެ އެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ޕާޓިޝަން ޖަހާނެ ގޮތުގެ ކުރެހުން، ބޭނުން ކުރާނެ ތަކެތި އަދި ހަރުކުރާނެ ގޮތް ހުށަހަޅާ، އެޗްޑީސީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ފުލެޓުގެ ފާރެއް ތަޅާލުމަށްފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ މަނާ ކަމެއް ކަމަށްވެސް އަންގާފައިވެ އެވެ.

ނަމަވެސް ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ހިނގަމުންދާ ގޮތް އެޗްޑީސީން ބެލިއިރު އިމާރާތުގެ އޮނިގަނޑަށް ބަަދަލުގެނެސްފައިވާ 100 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އޭގެ ތެރެއިން 30 ފަރާތެއް ޖޫރިމަނާކޮށްފައިވެ އެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައިވާ ގޮތުން ސްޓްރަކްޗަރްލް އެސެސްމެންޓެއް ހެދުމަށްފަހު، ޖޫރިމަނާ ކުރަންޖެހޭ އަދަދު 100،000 ރުފިޔާއިން މަތިނަމަ އެކަން ފްލެޓް ވިއްކާ ފަރާތުން ކަމާ ބެހޭ އިދާރާ އަށް އެންގޭނެ އެވެ. އެއަށްފަހު، ޖޫރިމަނާ ދައްކަން ޖެހިއްޖެނަމަ 14 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ.