އެޗްޑީސީ

ހިޔާގެ ގްރޭސް ޕީރިއެޑް މިއަދުން ފެށިގެން ގުނަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކުލި ނުދައްކާ އުޅެވޭ ދުވަސްތައް-- ގްރޭސް ޕީރިއެޑް-- މިއަދުން ފެށިގެން ގުނަން ފަށާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ޓަވަރަކަށް ފެނާއި ކަރަންޓު ނުލިބޭނަމަ ގްރޭސް ޕީރިއަޑްގެ ތިން މަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެން ލިބުމުން ކަމަށް އެޗްޑީސީން ބުނެ އެވެ.

ފެނާއި ކަރަންޓްގެ ހިދުމަތް މިހާރު ހުރިހާ ޓަވަރަކަށް ވެސް ފޯރުކޮށްދީފައިވެ އެވެ.

އެހެންކަމުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ހިނގަން ފަށާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ފަރާތްތަކުގެ އަތުން ތިން މަސް ފަހުން ކުލި ނަގަން ފަށާނެ އެވެ.

ހިޔާ އެއްބަސްވުމުގައި މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފަ އެވެ. މިހާރު ސޮއި ކުރުމުގެ މަސައްކަތް ކުރަނީ ފްލެޓް ބަދަލު ކުރި މީހުންގެ މެދުގަ އެވެ. ފްލެޓް ލިބުނު ބައެއް މީހުން މިހާރު ވަނީ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ފަށާފަ އެވެ. ހިޔާ ފްލެޓް ތަކުގައި މިހާރު 60 އަކަށް އާއިލާ ދަނީ ދިރިއުޅެމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ތިން މަސް ފަހުން ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ މެއިންޓެނެންސް ފީއަށް 1000 ރުފިޔާއާ އެކު އެވެ.