ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިފާ ފްލެޓަށް ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޑަސް އިން ސައިކަލެއް ހަދިޔާކޮށްފި އެވެ.
ލިޓަސް އިން ބުނެފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކީ މި ފަހުން ދައުރުވި ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ) އަށް ލިޓައިސް އިން ހަދިޔާއެއް ދީފައިވާ ކަމަށެވެ.
އެ ކުންފުނީގެ ފަރާތުން ވަސީމާއަށް ސައިކަލެއް ހަދިޔާކޮށްފައިވާ ކަމަށާއި ސައިކަލަށް ދެ އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން ދެ އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ހަރަދުވެސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ސްކޫލަށްދާ ކުޑަ ދަރިފުޅު ކޮނޑުމައްޗަށް ލައިގެން ހިޔާ ފްލެޓަށް ހިނގާފައި ދިޔަ މަންމައެއް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ގިނަ ބަޔަކު ވަނީ އެ އާއިލާއަށް އެހީވުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މި ހާދިސާއަށްފަހު އިއްޔެ ސަރުކާރުން ވަނީ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން ފަށާފަ އެވެ.
ވަސީމާގެ ދެ ދަރިން ތިބެ އެވެ. އެ ދުވަހު އޭނާގެ ކޮނޑުމަތީގައި އުފުލައިގެން ގެއަށް ދިޔައީ ހަ އަހަރުގެ ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހަގުކުއްޖާ ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލުކުރާއިރު 11 އަހަރުގެ ކުއްޖާ ތައުލީމު ހާސިލުކުރަނީ މަޖީދިއްޔާ ސްކޫލުގައެވެ.