އެންމެނަށް ހިޔާ ކަށަވަރު މަޝްރޫއު

ހިޔާ ފްލެޓް ދުވަހު ކުއްޔަށްދޭ މައްސަލައެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ގެސްޓްހައުސަކަށް ހަދައި، ދުވަހު ކުއްޔަށްދޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމައި އެތަން ގެސްޓް ހައުސްއަކަށް ހެދުމަށް ފަހު މީހަކު އައިބޭގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުންދާ ކަމަށެވެ. އެޕާޓްމަންޓުގައި ހުންނަ ދެ ކޮޓަރި ވެސް ކުއްޔަށް ދޫކުރާ ކަމަށާއި އެތަން ހުރީ ހުރިހާ ފަރުނީޗަރެއް ވައްދާ ތަން ފުރިހަމަކޮށްފައި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ޕޯސްޓުގައިވާ ގޮތުން އޭސީ ކޮޓަރިއެއް ދޫކުރަނީ ދުވާލަކު، 650 ރުފިޔާ އަށެވެ. އަދި އޭސީ ނުކޮށް ހުރި ކޮޓަރި ދޫކުރަނީ ދުވާލަކު 450 ރުފިޔާއަށެވެ. މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އެއީ ސައްހަ ޕޯސްޓެއްތޯ ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެފަދަ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށް އޭރު ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކުރާ ފްލެޓްތަކަކީ ގެދޮރު ނެތް އަދި ކޮންމެހެން ބޯހިޔާވަހި ކަމަކަށް ބޭނުން ޖެހިފައިވާ މީހުނަށް ދޫކުރާ ފްލެޓްތަކެކެވެ. ފްލެޓްތައް އެގްރިމެންޓާ ހިލާފަށް ކުއްޔަށް ދޫކުރާނަމަ އަތުލާނެ ކަމަށްވެސް ފްލޭނިން މިނިސްޓްރީން ކުރިން ވެސް ހަނދާންކޮށްދީފައިވެ އެވެ.

ހިޔާ ފްލެޓްގެ އެގްރީމެންޓުގައިވާ ގޮތުން ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން ފްލެޓް ކުއްޔަށް ދެވޭނީ ނުވަތަ ވިއްކޭނީ ކަމާގުޅޭ އިދާރާތަކުން ހުއްދަ ހޯދައިގެންނެވެ. ނޫނީ އެފަރާތްތަކުގެ އަތުން ފްލެޓް އަތުލުމުގެ ހައްގު ޕްލޭނިން މިނިސްޓްރީއަށް ލިބޭނެ އެވެ.

ފަންސަވީސް އަހަރަށް ބަހާލައިގެން ހިޔާ ފްލެޓަށް މަހަކު 7،500 ރުފިޔާ އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ދެއްކުމަށް ސަރުކާރުން ކަނޑައަޅާފާ އެވެ. ހިޔާ ފްލެޓުން ކުލި ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.