ވެމްކޯ

ހިޔާ ފްލެޓްތަކުން ކުނި ނަގާ އިންތިޒާމެއް

ކުނި މެނޭޖްކުރުމުގެ ކަންކަން ބޮޑުވެފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި، ކުނި ނަގަން ހާއްސަ އިންތިޒާމްތަކެއް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފި އެވެ.

ވެމްކޯއިން މީގެ ކުރިން ކަނޑައަޅާފައި އޮތީ ހިޔާ ފްލެޓް ސަރަހައްދުން މިމަހުން ފެށިގެން ކުނި ބިލްކުރާ ގޮތަށެވެ. ނަމަވެސް މުއްދަތެއް ނެތް ގޮތައް ބިލް ނަގަން ފަށާ ތާރީހު މިހާރު ފަސްކޮށްފައިވާ ކަމަށް ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު އަހުމަދު އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޖެނުއަރީގައި ކުނި ބިލް ކުރަން ކަނޑައެޅީ ޖެނުއަރީއިން ފެށިގެން ފްލެޓްތަކަށް ކުލި ދައްކަން ޖެހޭ ގޮތަށް ކުރިން ކަނޑައަޅާފައި އޮތުމުން ކަމަށެވެ. ނަމަވެސް މިހާރު ކުލި ނަގާ ތާރީހު އޭޕްރީލް މަހަށް ފަސްކޮށްފައި ވާތީ ކުނީގެ ހިދުމަތައް ބިލްދައްކަން ޖެހޭ ތާރީހާއި މެދު ގޮތެއް ނުނިންމާ ކަމަށެވެ.

"މަޝްވަރާތައް ކުރަމުންދަނީ ކުނި ބިލް ކުރާނެ ދުވަހަކާއި މެދު. އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާނު ކުރާނަން،" އޮފިޝަލު ވިދާޅުވި އެވެ.

މިހާރު ހިޔާ ފްލެޓްތަކުގައި ކުނީގެ ހިދުމަތްދެނީ ކޮންމެ ފްލެޓްގެ ތިރީގައި ޑަސްބިން ބަހައްޓައިގެން އެއަށް ރައްޔިތުން ކުނި އަޅާ ގޮތަށެވެ. އެއީ ވަގުތީ ސެޓަޕެއްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ހާއްސަ ކުނިނަގާ އިންތިޒާމެއް ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށެވެ. އެކަމުގެ ތަފްސީލް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ވެމްކޯއިން އެންމެ ފުރަތަމަ ހިޔާ ފްލެޓުތަކުން ކުނި ނަގަން ފަށާފައިވަނީ މިދިޔަގެ އޮކްޓޯބަރު މަހުގަ އެވެ. އޭރު ފްލެޓްތަކުން ކުނި ނެގީ ކޮންމެ ފްލެޓެއްގެ ތިރީގައި ވެމްކޯއިން ބަހައްޓާފައި ހުންނަ ބޮޑެތި ޑަސްބިންތަކުން ނެވެ.

އޭގެ ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން އެޕާޓްމެންޓްތަކަށް އަރައިގެން ކުނި ނަގަން ވެމްކޯއިން ވަނީ ފަށާފަ އެވެ. ހުޅުމާލޭގައި ވެމްކޯއިން ކުނި ނަގާ ގަޑިއަކީ އިރުއޮއްސި 6:00 ކުން ރޭގަނޑު 11:30 އަށެވެ.

ހިޔާ ފްލެޓް ސަރަހައްދު ކުނިގޮނޑަކަށްވެ، އަވަސް އަވަހަށް ކުނިތަކުގައި ރޯކޮށްލާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ޑަސްބިން ބަހައްޓާފައި ހުރި ނަމަވެސް އަދިވެސް އެތަނުގައި ފިނިޝިންގެ މަސައްކަތް ކުރަމުންދާތީ، އެކި މީހުން ފުނި ފުންޏަށް ކުނި އަޅާ މައްސަލަ ވެސް ވަނީ ބޮޑޫވެފަ އެވެ.