ހުޅުމާލެ ފޭސް ދޭއްގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ މެއިންޓެނަންސްގެ މަސައްކަތްތައް ބެލެހެއްޓުމަށް އެޗްޑީސީން ބަޔަކާ ހަވާލު ކޮށްފި އެވެ.
ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކޮށް މެއިންޓެނެންސް މަސައްކަތް ކުރަން ކޮންޓެކް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ހިދުމަތްތައް 24 ގަޑިއިރުދީ އަދި މެއިންޓެނެންސްގެ މައްސަލަތަކާ ގުޅިގެން ގުޅާނެ ހޮޓްލައިންއެއް ވެސް ގާއިމް ކޮށްފައިވާ ކަމަށެވެ. ހޮޓްލައިން ނަންބަރަކީ 9672696 އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ކަންކަން ރޭވުން ކަމަށެވެ. އަދި ލިފްޓް ބޭނުން ކުރުމުގައި ރައްކާތެރިވެ ގަވައިދުތަކާއި އުޞޫލުތަކަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ގިނަ އާއިލާތަކުން ފަށައިފައިވާ އިރު ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށްޓަކައި މިމަހުގެ ނިޔަލަށް ފްލެޓްތަކަށް ކުލި ނުދައްކާ އުޅެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް އަދިވެސް ބައެއް މީހުންނަށް ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް މުޅިން ނިންމާލެވިފައެއް ނުވެ އެވެ. އެ މަސައްކަތް އެއްގޮތަކަށް ކުރިއަށް ނުގެންދާ މަދު ބަޔަކު ވެސް އެބައުޅެ އެވެ.
ހިޔާ ފްލެޓްތަކަށް ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު މަހަކު ޖުމްލަ 8،500 ރުފިޔާ އެވެ. ކުލީގެ އަދަދު 5،600 ރުފިޔާ އަށް ކުޑަކޮށްދީ، ކުލި ދައްކަންޖެހޭ މުއްދަތު އެއް އަހަރަށް ފަސްކޮށްދިނުމަށް ފްލެޓްތައް ލިބުނު މީހުން ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން ވަނީ އެދިފަ އެވެ.