އެޗްޑީސީ

ސޮއިކުރަން ދޭ ވަގުތަށް ދާން އެދެފި

Jul 15, 2021

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 16 ޓަވަރުން ފްލެޓް ލިބުނު ފަރާތްތައް އެގްރިމެންޓުގައި ސޮއިކުރުމަށް ދީފައިވާ ވަގުތުގައި އައުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީއިން މިއަދު ބުނީ ވަގުތު ކަނޑައަޅާފައި ހުންނާނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެމީހުން އަންނަން ޖެހޭ ވަގުތު ކުރިން އިއުލާނު ކުރާނެ އެވެ. އެހެންކަމުން އެޗްޑީސީއިން އެދެނީ އެމީހަކަށް ދީފައިވާ ވަގުތުގައި އައުމަށެވެ.

އެގްރިމެންޓްގައި ސޮއިކުރުމަށް އައުމުން ފުރަތަމަ ދާންޖެހޭނީ ވެރިފިކޭޝަން ކައުންޓަރަށެވެ. އެތަނުން އެމީހާގެ މައުލޫމާތު ބެލުމަށްފަހު އެގްރިމެންޓް ހަވާލުކުރާނެ އެވެ. އެއަށްފަހު އެގްރިމެންޓްގައި ސޮއިކުރަން ކަނޑައަޅާފައިވާ ކޮންމެވެސް ކައުންޓަރަކަށް ގޮސް ސޮއިކުރެވޭނެ އެވެ. އޭގެ ފަހުން ކުނި މެނޭޖްކުރުމަށް ވެމްކޯގައި ރަޖިސްޓާ ކުރުން ކުރިއަށްދާނެ އެވެ.

އޭގެފަހުގައި އެފަރާތުން ދެން ދާނީ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން އެމީހަކަށް ފްލެޓް ލިބުނު ޓަވަރަށެވެ. އެތަނަށް ދިނުމުން އެމީހެއްގެ ފްލެޓަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަންކަމުގެ ތަފްސީލް އެޗްޑީސީގެ އޮފިޝަލުންނާއި ހިއްސާކުރަން ޖެހޭނެ އެވެ. އެގޮތުން ބަދަލެއް ގެންނަނަމަ މިސާލަކަށް އޭސީފަދަ އެއްޗެހި ހަރުކުރާނަމަ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ފުރަން ޖެހޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

މި ޕްރޮސެސްގެ ތެރެއިން ފްލެޓް ލިބުނު މީހުންނަށް ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މީޓަރު ބޯޑުތައް ވެސް ދައްކާނެ އެވެ. ތަޅުދަނޑި ހަވާލުކުރާނީ މިހުރިހާ ކަމަކަށް ފަހު އެވެ.

އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.

ވެރިފަރާތުގެ ބަދަލުގައި ސޮއި ކުރަން އެހެން ފަރާތަކަށް ޕަވާ އޮފް އެޓާނީ ދީފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއެކު ހާޒިރުވާން ޖެހެ އެވެ. އަދި ސޮއި ކުރަން ދާ ފަރާތްތަކުން ހާޒިރުވާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން -- ދެލި ނުފޭދޭ، ނޫކުލައިގެ -- އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ އިންކް ޕެޑް އަމިއްލައަށް ގެންދަން ވެސް އެދިފައި ވެއެވެ.

އެޗްޑީސީން ބުނެފައި ވަނީ ފްލެޓު އެއްބަސްވުމުގައި ސޮއި ކުރަން ގިނަ ފަރާތްތަކަކަށް ތާވަލު ކޮށްފައިވާތީ، ސޮއިކުރާ ހޯލަށް ވަނުމަށާއި ފްލެޓާއި ހަވާލުވާން ފުރުސަތު ދެވޭނީ ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިޔާގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަންޏެވެ.

އެޗްޑީސީން ހިޔާގެ 6720 ފްލެޓުތައް ހަވާލު ކުރާއިރު ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލްކޮށްފައި ހުންނާނެ އެވެ. ހިޔާ މަޝްރޫގެ އެގްރިމެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.