ވާހަކަ

މީ ލޯބިކަން ޔަގީން

ނިދަން އެނދައް އަރާ އޮތެއް ކަމަކު ޒޯޔާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އަރިއަކަށް އޮވެ އިރުއިރު ކޮޅުން "ޓެލެގްރާމް" ނޫނީ "ސްނެޕްޗެޓް" ހުޅުވާލައެވެ. ފޯނުގެ ގަޑިއާމެދު ޔަގީންނުވެގެން އެނދުގެ އަރިމަތީ ކަބަޑުގައި ހުރި ސޯނާ ގަޑިއަށް ވެސް ޒޯޔާ ނަޒަރު ހިންގާލިއެވެ. މެންދަމު ބާރަ ޖަހަން ދެތިން މިނިޓަށް ވެއްޖެކަން އެނގުން އަނެއްކާ ވެސް ސަމާލުކަން ހުއްޓާލީ ފޯނަށެވެ.

"އައި އޭމް ވެއިޓިންގް ފޯ ޔޫ" ފޯނަށް ބަލަން އޮވެ ޒޯޔާ ބުނެލިއެވެ. އަދި ބަރާބަރު ބާރަ ޖެހުމާއެކު ޒޯޔާގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ.

ފޯނު ބަލާލިއިރު ސްނެޕްޗެޓްއަށް ދަނިޔާލް ފޮނުވާފައި އޮތް މެސެޖެވެ. އޭގައި އުފަންދުވަހުގެ ތަހުނިޔާ ކިޔައި ދަނިޔާލްގެ ކަނާތްފަރާތު ކޯތާފަތުގައިވާ އަޑިކޮޅާއި ރީތި ހިނިތުންވުން ފެންނާނޭ ގޮތަށް ނަގާފައިވާ "ކްލޯސްއަޕް" ފޮޓޯއެކެވެ. ބޭއިޚްތިޔާރުގައި ޒޯޔާއަށް ހިނިތުންވެވުނެވެ. އެ ފޮޓޯއަށް ބަލަން އޮއްވައި ދެވަނަ މެސެޖު އަތުވެއްޖެއެވެ.

"ބީ ރެޑީ އެޓް އެއިޓް، އިޓްސް އަވަރ ޑޭޓް ނައިޓް... އޯކޭ، ގުޑްނައިޓް" ދާނިޔާލް ބުނެފައި އޮތެވެ. ބާއްޖަވެރި ރެއެކޭ ޒޯޔާ ބުނެލީ ފޯނަށް ބަލަހައްޓައިގެން އޮވެއެވެ.

* * *

މީގެ ދިހަ އަހަރުކުރީން ދަނިޔާލް ވީ ވަޢުދުގެ މަތީން ޒޯޔާ ހަނދާނެއްނުނެތެވެ. މެއި މަހުގެ ސަތާރައަކީ ޒޯޔާގެ އުފަން ދުވަހަށްވާއިރު ކޮންމެ އަހަރެއްގެ އެ ދުވަހު ދެ މީހުން ބައްދަލުކުރަން ނިންމީ ދަނިޔާލްއެވެ. އެކަމަކު އެއީ ޒޯޔާގެ ސަބަބުންނެވެ.

ދަނިޔާލްއާއި ޒޯޔާއަކީ ކުޑައިރުގެ ރަޙުމަތްތެރީންނެވެ. ޢާއިލާގެ ދެމެދުގައި ރަޙުމަތްތެރިކަން ބަދަހިވީއިރު ދެ މީހުން ދިރިއުޅެނީ ހުޅުމާލޭގެ ފްލެޓްތަކުން ނުވަނަ ވަނަ ފްލެޓްގެ ދެ ވަނަ އަދި ތިންވަނަ ފަންގިފިލާގައެވެ. ދަނިޔާލްއާއި ޒޯޔާ ފުރަތަމަ ފަހަރަށް ދިމާވީ އެހެންނެވެ. ފުރާވަރުގެ ދުވަސްތައް ނިންމީ އެއް އިސްކޫލަކުންނެވެ. ޅައިރުގެ ސަމާސާތައް ވަޅުޖެހި ފުރާވަރުގެ ޖަޒުބާތުގައި އެ އުމުރުގެ އެހެން ކުދީން ފަދައިން ޒޯޔާ ވެސް ޖެހުނީއެވެ. ހުރިހާ ވަގުތަކު އެންމެ އެއްކޮށް އުޅޭ އެކުވެރިޔަކީ ދަނިޔާލްއެވެ. މަޑުމަޑުން އޭނާގެ މައްޗަށް ޒޯޔާގެ ހިތް ލެނބުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ސަނަވީ ތަޢުލީމު ނިމުމުން ދެ މީހުން ވެސް ދެން ވަކިވަނީކަން ޒޯޔާއަށް އެނގުމުން ހިތުގައިވާ އިޙްސާސްތައް ފޮރުވައިގެން ހުރުން ފަސޭހަކަމަކަށްނުވިއެވެ.

ސްކޫލުގެ ދަސްވެނިވިކަމުގެ ރަސްމިއްޔާތު ނިންމާފައި ރަޙުމަތްތެރީންނާއެކު ބޭރަށް ދާން އޮތީ ރާވަފައެވެ. އެކަމުގައި ބައިވެރިވާން ޒޯޔާ ހޯދަމުން އައީ ދަނިޔާލްއެވެ. އޭރު ހޯލްގެ ބިއްދޮށުގައި ގަސް އިންދާފައި ހުރި ތަނުގެ ގާފޮޅުމަތީ ޒޯޔާ އެކަނިމާ އެކަނި އިނުމުން އެކަން ދަނިޔާލްއަށް ވެސް ވީ އާކަމަކަށެވެ.

"މިތާ އެކަނި ކީއްކުރަނީ" ދަނިޔާލް އެއްސެވެ.

"މިދެން އިނީ... މީ އަހަރެމެން މި ސްކޫލަށް އަންނާނެ އެންމެ ފަހު ފަހަރެއްނު" ޒޯޔާ ހަޤީޤަތުގައި ދެރަވަނީ ސްކޫލާ ވަކިވާތީއެއްނޫނެވެ. ނަމަވެސް ދާނިޔާލްއާ ދެ މީހުންގެ ދިރިއުޅުން މިހިސާބުން ބަދަލުވާނީއޭ ހިތަށް އަރާފައެވެ. އޭގެ އިތުރުން ދަނިޔާލް ގާތުގައި ޒޯޔާގެ ހިތުގައި އޮތް އެއްޗެއް ފާޅުކުރުމުން ދެންވާނޭ ގޮތަކާމެދު ބިރުގަންނަނީއެވެ.

"އެންމެން އެބަތިބި ގޭޓު ކައިރީ، ހިނގާ ދަމާ" ޒޯޔާގެ ބޮލުގައި އަތުގައި އޮތް ކަރުދާހުން ދަނިޔާލް ޖަހާލިއެވެ. މަޑުމަޑުން ތެދުވެ ފިޔަޅެއް އަޅާލަން އުޅެފައި ޒޯޔާ ހުއްޓުނެވެ. ދަނިޔާލްގެ ނަމުން އޭނާ ގޮވާލިއެވެ. ޒޯޔާއަށް ބަލާލަމުން ބުމައަރުވާލީ ކިހިނެއްވީތީ އަހާލާ ފަދައިންނެވެ.

"އައި.. އައި ލައިކް ޔޫ" ޒޯޔާ ބުންޏެވެ. އޭނާއަށް ބަލަން ދަނިޔާލް ހުރީ ގަނޑުވެފައި ހުރި މީހަކު ފަދައިންނެވެ.

"ވަޓް" އިރުކޮޅަކު ހުރެފައި ދަނިޔާލް ބުންޏެވެ.

"ފޮގެޓް އިޓް!... އިޓްސް ނަތިންގް..." ބުނެވުނު ބަސް އަނބުރާ ގެންދަން ޒޯޔާ ބޭނުންވީ ކަހަލައެވެ.

"ޒޯޔާ!... ރިއަލީ... ބަޓް... އަހަރެން... އައި އޭމް ސޮރީ، އައި ކާންޓް" ދަނިޔާލް ބުންޏެވެ.

"އައި ނޯ... އައި ޑިޑިންޓް މީން އިޓް، ޖަސްޓް ފޮގެޓް އިޓް" އަވަސް އަރުވާލައި ޒޯޔާ ވާހަކަދެއްކިއެވެ. އޭރު ޒޯޔާއަށް ވިސްނެމުންދިޔައީ އެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ނިމުން އައީކަމުގައެވެ. އޭނާގެ ފަރާތުން އެފަދަ އެއްޗެއް އަޑުއިވިދާނޭ ކަމަށް ދަނިޔާލް ހުރީ ތައްޔާރުވެގެންނޫންކަން އޭނާގެ މޫނުގައިވީ އަސަރުން ޒޯޔާއަށް އެނގިއްޖެއެވެ.

"ޒޯޔާ.." ކުރިއަށް ޖެހިލި ދަނިޔާލް ޒޯޔާގެ ކޯތާފަތުގައި އަތްޖައްސާލަމުން ހިނިތުންވެލިއެވެ. ފެންކަޅިވެފައިވާ ޒޯޔާއަށް ހަދާނޭ ގޮތެއް ނޭނގުނެވެ. އެ ދެ ލޮލުން ފާޅުވި ހިތްދަތިކަން ދަނިޔާލްއަށް ކޮންމެވެސް ގޮތަކުން އިޙްސާސް ކުރެވުނީއެވެ.

"ވެލް ދެން... އިޓް ކާންޓް ބީ ހެލްޕްޑް، އެހެންވީމަ... އަހަރެންނަށްވުރެ ބޮޑަށް ޒޯ ލައިކްވާ ކުއްޖަކާ ދިމާވަންދެން، ވަންސް އަ އިޔާ، އޮން ޔޯ ބާތްޑޭ... އައި ވިލް ގޯ އޮން އަ ޑޭޓް ވިތް ޔޫ" ދަނިޔާލް ބުންޏެވެ. އެއީ ދަނިޔާލް ކުރި ސަމާސާއެއް ބާއޭ ޒޯޔާގެ ހިތަށް އެރިއެވެ.

"ދަނިޔާލް" ޒޯޔާ ގޮވާލިއެވެ.

"ޕްލީޒް، ނޯ ޓިއާސް... ނައު ލެޓްސް ގޯ، އެންމެން އެބަތިބި އަހަރެމެން ނައިސްގެން" ހިނިތުންވެލަމުން ދަނިޔާލް ބުންޏެވެ.
އޭގެ ފަހުން މިވީ ދިހަ އަހަރު ތެރޭ ދެ މީހުންގެ ދިރިއުޅުން ވެސް ވަނީ ބަދަލުވެފައެވެ. ދަނިޔާލް އޭނާގެ ބައްޕަގެ ގެއަށް ބަދަލުވީއެވެ. ޒޯޔާއާ ދެ މީހުންގެ ދެމެދަށް ދުރުކަމެއް ވެރިވީއެވެ. އެހެންވިޔަސް ޒޯޔާގެ އެއްވެސް އުފަންދުވަހެއް ދަނިޔާލް ހަނދާންނައްތައެއްނުލައެވެ. ކޮންމެ ގޮތަކުން ވެސް އެރޭ އެ ދެ މީހުން ބައްދަލުކުރެއެވެ. ދެ ރަޙުމަތްތެރީން ފަދައިންނެވެ. ދެ މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކައެވެ. އެކަކު ވެސް އަނެކަކު ގާތު މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލެއް ނުކެރެއެވެ.

* * *

މިއަދަކީ ޒޯޔާގޭ ސައްބީސްވަނަ އުފަން ދުވަހެވެ. މޭޒުމަތީ ކަލަންޑަރު ނަގައި އެއަށް ބަލަން ޒޯޔާއިނެވެ. ދަނިޔާލްގެ މަތިން ހަނދާންނައްތާލުންވީ ދިރިހުއްޓާ ނުވާނޭވަރު ކަމަކަށެވެ. ކޮންމެ އަހަރެއްގެ މެއި ސަތާރަށް އިންތިޒާރުކުރެވެނީ ދަނިޔާލް ދުށުމަށް ޒޯޔާ ބޭނުންވާ ވަރުންނެވެ. ނަމަވެސް މިކަން ނިމުމަކަށް ގެންނަންވެއްޖެކަމުގައި ޒޯޔާއަށް ވިސްނުނީއެވެ. ދާނިޔާލްގެ ހިތަކީ އޭނާއަށް ލިބޭނޭ އެއްޗެއް ނޫންކަން ނިންމައިގެންނެވެ. ރަޙުމަތްތެރިއަކަށްވުރެ ބޮޑު ގުޅުމެއް އެ ދެމެދުގައި އުފައްދަން ދަނިޔާލް ފުރުޞަތުދޭން ބޭނުންނުވާކަން އެނގޭތީއެވެ. މި ލޯތްބަކީ އެއްފަރާތުން ވެވޭ ލޯތްބެއްކަން ޒޯޔާގެ ޟަމީރު ވެސް އެއްބަސްވެއެވެ.

ރޭގަނޑު ނުވައެއް ޖެހިއިރު ދަނިޔާލް އައިސް އިނީ ޒޯޔާ އުޅޭ ފްލެޓް ދޮށުގައެވެ. ޒޯޔާ ތިރިއަށް ފައިބައިގެން އަންނަތަން ފެނުމުން ސައިކަލުގެ ލޯގަނޑުކޮޅުން މޫނު ބަލާލައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި އަތުގައި އޮތް މާބޮޑުއަށް ބަލާލައި އެއޮތީ ރަނގަޅަށް ތޯ ޗެކުކޮށްލިއެވެ. މަގުމައްޗާ ދިމާއަށް ޒޯޔާ އަންނަތަން ފެނުމުން ނިކަން ފުޅާ ހިނިތުންވުމަކާއެކު ދަނިޔާލް އަތްހޫރާލިއެވެ.

"ހެޕީ ބާތްޑޭ" އަތުގައި އޮތް މާބޮޑު ޒޯޔާއަށް ދިއްކޮށްލަމުން ދަނިޔާލް ބުންޏެވެ. ޒޯޔާ ޝުކުރުއަދާކޮށް މާބޮޑު ނޭފަތާ ކައިރިކޮށްލިއެވެ.

"އަވަހަށް އަރާ... ރިސަވޭޝަން ހައްދާފައި އޮންނާނީ" ދަނިޔާލް ބުނެލިއެވެ.

ޒޯޔާ ގޮވައިގެން ދަނިޔާލް އައިސް ވަނީ ހުޅުމާލޭގައި މަޝްހޫރު ރެސްޓޯރެންޓަކަށެވެ. އެންމެ ފުރިހަމަ "ވިއު" ފެންނަ މޭޒު އެ މީހުންނަށް ތައްޔާރުކޮށްފައި ހުއްޓެވެ. އެތަނުގެ ކާއެއްޗެހީގެ މީރު ވާހަކަ ދަނިޔާލް ދެއްކިއެވެ. ކާއެއްޗެހި ގެނެސް އެއަށް އިންސާފުކުރަމުންދިޔައިރު އަހަރެންގެ މަސައްކަތްތައް ކުރިއަށް ދަނީ ކިހިނެއްތޯ އޭނާ އެއްސެވެ. އެކި ވާހަކައިގައި ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ.

"ޒޯ... ރަނގަޅުތަ ހުރިހާކަމެއް" ޒޯޔާ ހިމޭންވެފައި އިންނަން ފެށުމުން ދަނިޔާލް އަހާލިއެވެ. ޒޯޔާ މަޑުމަޑުން ބޯޖަހާލީއެވެ.
"އަހަރެން... އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް" ޒޯޔާ ބުނެލިއެވެ. ދަނިޔަލް ވަކި އެއްޗެއް ނުބުނުމުން އަނެއްކާ ވެސް ޒޯޔާ ވާހަކަދައްކަން ފެށިއެވެ.

"އައި... ފައުންޑް ސަމްވަން... ސަމްވަން އައި ލައިކް" ޒޯޔާ ހެދި ދޮގު ފޮރުވާލީ ހިނިތުންވުމަކާއެކުއެވެ. ނަމަވެސް ފަޅި ސިކުންތަކަށް ވިޔަސް ދަނިޔާލްގެ މޫނުން ފާޅުވީ އަޖައިބެއް ފަދަ ހައިރާންކަމެކެވެ.

"އޯ..." ދަނިޔާލް ބުންޏެވެ. އަދި ކައިރީ ހުރި ފެންތަށިން އެތި ފޮދެއް ބޯލައި ދެއަތުން ތަށީގައި ހިފަހައްޓާލައި ޒޯޔާއާ ނަޒަރު ސީދާ ކޮށްލިއެވެ.

"ދެޓްސް... ދެޓްސް ގްރޭޓް... ރިއަލީ...ގްރޭޓް، ދެން މައި ޖޮބް އިޒް ޑަން" ދަނިޔާލް ކުއްލިއަކަށް ހީނލަމުން ބޯޖަހަންފެށިއެވެ.

"ޔެސް!... ދިސް ވިލް ބީ ދި ލާސްޓް ޓައިމް" އަމިއްލަ ހިތާ ދެކޮޅަށް ޒޯޔާ ބުނެލިއެވެ.

ރެސްޓޯރެންޓުން ނުކުންނަން އައިއިރު ޒޯޔާއާއި ދަނިޔާލްއާ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވާލީ ޒޯޔާއެވެ. ދަނިޔާލްގެ ސައިކަލު ކައިރިއަށް އައިސް ހުއްޓިލުމާއެކު ޒޯޔާ ވާހަކަދައްކަން ފެށިއެވެ.

"ތެންކިއު ޑެނީ... ޔޫ ކެޕްޓް ޔޯ ޕްރޮމިސް" ޒޯޔާ ބުންޏެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ދަނިޔާލް ވާހަކަދެއްކިއެވެ.

"މިރެއަކީ އޭނާއާއެކު ޒޯ ސެލެބްރޭޓްކުރަންޖެހޭނެ ރެއެއްނު" ދަނިޔާލް ބުންޏެވެ. ދޮގެއް ހެދިކަން ދަނިޔާލްއަށް އެނގިދާނެތީ ޒޯޔާ އެކަން ފޮރުވަން ދެވަނަ ދޮގެއް ހެދިއެވެ.

"މިރޭ ދެން ގެއަށް ގޮސް އޭނާއާ މީޓުކުރާނީ، ޑެނީ އަންނާނޭކަން އެނގޭތީ ކެންސަލްއެއް ނުކޮށްލެވޭނެއެއްނު، ޑެނީ ވެސް ގާލްފްރެންޑާއެކު ބޭރަށްދާން ބޭނުންވާނެއެއްނު" ޒޯޔާ ބުންޏެވެ.

"ވީ ބްރޯކްއަޕް... މެއި ސަތާރަ އަހަރެންގެ އަމިއްލަ ދުވަހެއްގޮތަށް ނުލިބޭ ރިލޭޝަންޝިޕެއް އަހަރެންނަށް މުހިންމެއްނޫން" ސައިކަލު މުއްގަނޑާ ކުޅެން އިނދެ ދަނިޔާލް ބުންޏެވެ. ޒޯޔާއަށް ލިބުނީ ހައިރާންކަމެކެވެ. އެއްޗެއް ބުނަން ނޭނގިފައި ޒޯޔާ ހުއްޓާ ދަނިޔާލް ވާހަކަދެއްކިއެވެ.

"ޔޫ... ޑޫ ޔޫ ރިއަލީ ލައިކް ދިސް ގާއި... ރަނގަޅު މީހެއްތަ އެއީ؟... އޭނާ ޒޯއަށް ރަނގަޅުތަ؟ ކެއާ ކުރޭތަ" ދަނިޔާލް އެއްސެވެ. ޒޯޔާ ހޫންއެއް ލައްވާލިއެވެ. ދަނިޔަލްގެ ވާހަކަ ހުރި ގޮތުން ނަގައިގަންނަންވީ ކީކޭކަމެއް ނޭނގިފައި ޒޯޔާ ހުއްޓެވެ. ދަނިޔާލް އެދުނީ ސައިކަލަށް އެރުމަށެވެ. ޒޯޔާގެ ގެއާ ހަމައަށް ދެވެންދެން އެއްވެސް ވާހަކައެއް އެ ދެމެދުގައި ނުދެކެވެއެވެ.

ޒޯޔާ ސައިކަލުން ފޭބުމުން ދަނިޔާލް ވެސް ސައިކަލުން ފޭބިއެވެ. ދަނީކަމުގައި ބުނެ ޒޯޔާ ހިނގައިގަތުމުން ދަނިޔަލް އޭނާގެ އަތުގައި ހިފިއެވެ.

"ސަމްހައު އިޓްސް ހާޑް ޓު ޕާޓް" ދަނިޔާލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެމެންގެ ރަޙުމަތްތެރިކަން އޮންނާނެއެއްނު، ޑެނީ އެދުނީމަ އަހަރެން މީޓުނުކޮށް ނުހުންނާނެއެއްނު" ޒޯޔާ ބުނެލިއެވެ. ދަނިޔާލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އޭނާގެ އަތުގެތެރެއިން އަތްތިލަ ދުރުކޮށްލަމުން ދަނީކަމުގައި ބުނެ ޒޯޔާ ހިނގައިގަންނަން އުޅުނެވެ.

"ނޯ... ސްޓޮޕް... ޕްލީޒް..." އިވެގެންދިޔައީ ދަނިޔާލްގެ އާދޭހުގެ އަޑެވެ.

"ވަޓް؟" ދަނިޔާލް އެހެންޏާ ނޫޅޭ ގޮތަކަށް އުޅޭތީ ޒޯޔާ ވެސް ހުރީ ސުވާލު އުފެދިފައެވެ.

"ޑޯންޓް ޔޫ ލައިކް މީ އެނީމޯ... ވެން ޑިޑް ޔޫ ސްޓޮޕްޑް" ފުރަތަމަ ފަހަރަށް ގޮސް ހުސްވެފައިވާ މީހަކު ފަދައިން ޒޯޔާއަށް ދަނިޔާލް ފެނުނެވެ.

"ވައި ޑިޑް ދިސް ހެޕެން؟" ދަނިޔާލް ކުރީ ސުވާލެވެ. ޒޯޔާ އިސްޖަހާލައި ދެފަރާތަށް ބޯހޫރާލިއެވެ. ފެންނަ މަންޒަރު ޤަބޫލުނުކުރެވިގެންނެވެ.

"ޔޫ ޑޯންޓް ޕްލޭން އޮން އެކްސެޕްޓިން މީ، ޑެނީ... ދިހަ އަހަރު ވީއިރު..." ޒޯޔާ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްނުކުރިއެވެ.

"ޔޫ ލަވް ބްލޫ، އައި ޑްރެސްޑް އަޕް އިން ބްލޫ، އައި ބްރޯޓް ރެޑް ރޯސަސް... ޒޯ... ޕްލީޒް، ޑޯންޓް ގިވް އަޕް އޮން މީ، އައި ނޯ އައި އޭމް ސްޓުޕިޑް" ޒޯޔާގެ ދެއަތުގައި ހިފާ ދަނިޔާލްގެ ގާތަށް އޭނާ ދަމާލިއެވެ. ޒޯޔާގެ ކޮނޑުގައި ދަނިޔާލް ނިތްކުރި ގެނެސް ޖައްސާލިއެވެ.

"އައި ސްޓިލް ލަވް ޔޫ، އައި ލައިޑް ބިފާ... އައި ޑޯންޓް ހޭވް ސަމްވަން އައި ލައިކް" ޒޯޔާގެ ވާހަކަތައް އަޑުއިވި ކުއްލިއަކަށް ދަނިޔާލް ބޯހިއްލާލައި ހަތަރުކަޅި ހަމަކޮށްލިއެވެ. ތެދެއްހޭ ތިބުނަނީ އަހާ ކަހަލައެވެ. ޒޯޔާ ބޯޖަހާލީ އެހެންވެއެވެ. ވަގުތުން ދަނިޔާލްގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ޒޯޔާގެ ދެއަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލައި ބޮސްދިނެވެ.

"އަހަރެންގެ ގާލް ފްރެންޑަށް ވެދާނަންތަ؟ އަހަރެން ޒޯޔާއަށް އާދަވެއްޖެ... އަހަރެން ހީކުރީ މިހާރު އެނގޭނެކަމަށް އަހަރެން ބޭނުންވާގޮތް، ދުލުން ހާމަކުރުން ވެސް މުހިންމުކަން މި އެނގުނީ، ސޮރީ މިހާ ގިނަ ދުވަސް ނެގީމަ، މީ ލޯބިކަން ހަމަޔަގީން" ދަނިޔާލް ބުންޏެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޒޯޔާ ފެންކަޅިވިއެވެ.

ދެމެދުގައި ކުރެވުނީ ދިގު އިންތިޒާރެކެވެ. ނަމަވެސް އެ އިންތިޒާރުގެ ނިމުން ފޮންޏެވެ. ލޯބިވާނަމަ އެކަން ދުލުން ހާމަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާ ގާތު ނުބުނެ ހުއްޓާ ވަގުތުފާއިތުވެދާނެއެވެ. ޒޯޔާދެކެ ލޯބިވާން ދަނިޔާލްއަށް ދިހަ އަހަރު ނެގިއެވެ. އެ ލޯތްބަށް ކެތްތެރިކަމާއެކު ޒޯޔާ ހުރީ ފުރުޞަތު ދީގެންނެވެ. ބައެއްފަހަރު އަވަސްއަރުވާލުމަށްވުރެ ގުޅުންތަކަށް ވަގުތުދިނުމުން ނުކުންނަ ނަތީޖާ ރަނގަޅުވެއެވެ. ނޭނގި ނަމަވެސް ދަނިޔާލްގެ ހިތް ވަނީ މާކުރީން ވެސް ޒޯޔާ ބަލައިގެންފައެވެ. އެއީ ލޯބި ނޫންކަމުގައި ކުރިން ޤަބޫލުކުރެވުނަސް އެ ގުޅުމަށް އޭނާ ވެސް ފުރުޞަތުދިނެވެ. ޒޯޔާގެ މައްޗަށް ލޯބީގެ ވިންދު ޖަހާ ހިތެއް އޮތްކަން އެނގުނީ އެހެންވެއެވެ. އެކުގައި ހޭދަކުރެވުނު ވަގުތުގެ ސަބަބުންނެވެ. -- ނިމުނީ