ހުޅުމާލެ

ފޭސް ދޭޭއްގައި ތިން މިސްކިތް އަޅަނީ

އަލަށް އާބާދު ވަމުންދާ ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ ތިން މިސްކިތް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ޓަވަރުތަކުގައި 70 އާއިލާ ދިރިއުޅެން ފަށައިފައިވާއިރު އެތަނުގައި 450 ޖާގައިގެ ވަގުތީ މިސްކިތެއް 80 ދުވަހުގެ ތެރޭގައި އެޅުމަށް މިދިޔަ މަހު ޔެސް މޯލްޑިވްސްއާ އޮތީ ހަވާލުވެސް ކޮށްފަ އެވެ.

ވަގުތީ މިސްކިތުގެ އިތުރުން ދާއިމީ ތިން މިސްކިތް ވެސް އަޅަން އެޗްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ދާއިމީކޮށް އަޅާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް އަޅާނީ މިހާރު އަޅަމުންދާ ވަގުތީ މިސްކިތާ ޖެހިގެން ދެކުނަށް އޮންނަ ބިމުގައި ކަމަށެވެ. އަދި އެ ދާއިމީ މިސްކިތް ބަޔަކާ ހަވާލުކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އޭގެ ޑީޓެއިލް ޑިޒައިންއާ ކުރެހުން ނިމިފައިވާ ކަމަށާއި އުއްމީދަކީ މި އަހަރު އެ މަސައްކަތް ފެށިގެން ދިއުން ކަމަށެވެ.

"އޭރުން އެ މިސްކިތުގެ އެތެރޭގައި ގާތްގަނޑަކަށް 1000 މީހުންނަށް ނަމާދުކުރެވޭ ޖާގަ އޮންނާނެ. އަދި ގޯތި ތެރޭއާ އެކުގައި ގާތްގަނޑަަކަށް 3000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް އެއީ. އެ މިސްކިތް ވާނެ ހުޅުމާލޭގެ ތިން ވަނައަށް އެންމެ ބޮޑު މިސްކިތަށް" އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން އަމިއްލަ ފަރާތަކުންވެސް ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް އެޅުމަށް ކުރަހުންތައް ކުރަހައި ނިންމައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެޗްޑީސީން ބުނެ އެވެ. އަދި ތިންވަނަ ދާއިމީ މިސްކިތް އަޅަން ކުރެހުންތައް ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.