މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރަން ޖެހޭ ބަންދު މީހުން ހާޒިރު ކުރުމުގައި ގަޑިއަށް ފަރުވާތެރި ނުވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ހައިކޯޓުން ދީފި އެވެ.
ހައިކޯޓުން މިފަދަ އިންޒާރެއް ދީފައި މިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާގެ ކުށް ސާބިތުވެ، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި މުހައްމަދު އަމީންގެ 27 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަޖިލީހު ގައެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދާ މި މައްސަލަ ފަށަން އޮތީ މިއަދު ހެނދުނު 10:15 ގައެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ވިދާޅުވީ މައްސަލަ ފެށުން ލަސްވީ ކަރެކްޝަންސް އިން އަމީން، ކޯޓަށް ހާޒިރުކުރުން ލަސްވުމުން ކަމަށެވެ.
"އަޅުގަނޑުމެން މައްސަލަ ތާވަލު ކުރީ 10:15 އަށް. އެހެންނަމަވެސް ކަރެކްޝަންސްގެ ފަރާތުން އިސްތިއުނާފު ކުރައްވާ ފަރާތް ގަޑިއަށް ކޯޓަށް ހާޒިރުކޮށްދެއްވާފައި ނުވާތީ އަޅުގަނޑުމެންނަށް ގަޑިއަށް މައްސަލަ ނުފެށުނީ. އަޅުގަނޑުމެން އެކަން ބެލުމަށްފަހު އެކަމުގައި ކަރެކްޝަންގެ އިހުމާލެއް އޮތް ކަމުގައިވާނަމަ އެ ފަރާތާ މެދު ގާނޫނުގައި އޮންނަ ގޮތަށް އަޅުގަނޑުމެން ފިޔަވަޅެއް އަޅާނަން،" ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ވިދާޅުވި އެވެ.
ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ.
އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.
ދަށު ކޯޓުގައި އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލަ އެވެ. އެހެންނަމަވެސް ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
މައްސަލަ ސިއްރު ކުރަން އިސްތިއުނާފު ކުރާ ފަރާތުން އެދުނު ނަމަވެސް ދައުލަތުން އެކަމާ ދެކޮޅު ހެދި އެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމެވީ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާށެވެ.