ހަބަރު

ޔާމީންގެ ވަކީލުންގެ ނުރުހުން ޕީޖީއާ ހޯމް މިނިސްޓަރަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ސިޔާސީ ބަދަލުހިފުމެއްގެ ގޮތުން ދައުވާ ކުރަމުންދާކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ބޮޑެތި ފާޑުކިއުންތައް މިއަދު އަމާޒުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، އަދުލު އިންސާފުގެ ނިޒާމު ބޭނުންކޮށްގެން، ވަކި މީހަކާ ދޭތެރޭގައި އަނިޔާވެރިވެގެން، އިންސާފުން ބޭރުން އަމަލު ކުރަމުންދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"ޕްރޮސެކިޔުޓާ ޖެނެރަލްއަކީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންވީމާ، ބޭނުންވާ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައި، ބޭނުންވީމާ، ސިޔާސީ ގޮތުން ބަދަލުހިފުމުގައި އެހީތެރިވެދޭ ބޭފުޅަކަށް ވެގެންނުވާނެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން 300 އެއްހާ ގިނަ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ކުށުގެ ތުހުމަތު ކޮށްފައިވާއިރު އެއިން އެއްވެސް މީހެއްގެ މައްޗަށް މިއަދާ ހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި ދައުވާއުފުލައި ނުވަތަ އިތުރު ތަހުގީގެއް ހިންގާފައި ނުވާ ކަމަށް ޖަމީލް މިއަދުވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

މިގޮތުން، މި ސަރުކާރުން އުޅެނީ ބޮޑު ހިޔާނާތުގެ މައްސަލާގައި އިންސާފު ގާއިމުކުރަން ނޫން ކަމަށާއި، ބޭނުމަކީ، ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް، ޖަލަށް ލައިގެން، ސިޔާސީ ވާދަވެރިއެއްގެ ކިބައިން ބަދަލުހިފަންކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން، މިއަދުގެ ޕްރޮސެކިޔުޓާ ޖެނެރަލްގެ ނިޔަތުގައި އޮތް ކަމަކަށް، ހަމަހަމަ ގޮތެއްގައި މިކަން ކުރާކަށް،" ޖަމީލް ވިދާޅުވި އެވެ.

ބޮޑު ހިޔާނާތުގެ މައި މުޖުރިމުންގެ ގޮތުގައި ތަހުގީގުތަކުންނާއި ޝަރީއަތްތަކަށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު، ސިއްރު އަދި ގާނޫނު ވެސް ނުދަންނަ އެއްބަސްވުންތަކެއް ހަދައިގެން، ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ހަމައެކަނި ރައީސް ޔާމީނަށް ދައުވާކޮށް، ޖަލުގައި ބަހައްޓަނީ ކޮން އަސާސަކުންތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.

އަދީބު ގޭގައި ބަހައްޓާފައިވަނީ ހާއްސަ މެޝިނެއް ބޭނުން ކޮށްގެން ނޫނީ ނުނިދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ވިދާޅުވުމަށްވެސް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަކި ގޮތަކަށް ވާހަކައެއް ދައްކަވައިގެން، ކަން އޮތް ގޮތް އޮޅުވާލަން މަސައްކަތް ކުރެއްވި ނަމަވެސް، ބޮޑެތި މުޖިރުމުންތަކެއް ގޭގައި ބަހައްޓަން ދައްކަވާ އުޒުރުތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އޭގެ ފަހުން ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އަވަސްކޮށްގެން ކުރިއަށް ގެންދާއިރު، ކުރިން ކުރި ހުކުމްގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުދާ ކަމަށެވެ.

"އިސްތިއުނާފުގެ އަޑުއެހުންތައް ނިމިގެން އެތައް ދުވަހެއްވީ އިރުވެސް، އަޅުގަނޑުމެން މިތިބެނީ ހުކުމުގެ އިންތިޒާރުގައި. އެކަމަކު އެއަކަށް ދައުލަތުގެ ފަރާތުން، ޕްރޮސެކިޔުޓާ ޖެނެރަލްގެ ފަރާތުންވެސް އެކަން ލަސްވެގެން، އެކަމަށް ކުރެވުނު އެއްވެސް ކަމެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ފަހުން ކުރެވުނު ދެ ދައުވާ އަވަސް ކުރުމަށް މަސައްކަތް ކުރާއިރު، އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ލިޔުންތައް ދިނުމަށްވެސް ދައުލަތުން ފަސްޖެހެމުންދާ ކަމަށެވެ.

އެ ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް، ލިޔުކިއުންތައް ފޯރުކޮށްދިނުމުގެ އިތުރުން، ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ދިނުމަށް ކޯޓުން އަންގާފައިވާ އެނގުމަށް ހަވާލާ ދެއްވައި، ޖަމީލް ވިދާޅުވީ، ޖަލަށް ގޮސްގެން ރައީސް ޔާމީނާ ބައްދަލުކުރުމަށް ހޯމް މިނިސްޓަރު އިސްވެ، ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

މި މަހުގެ ހަވަނަ ދުވަހު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ކުއްލިއަކަށް ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫނީ ބައްދަލުވުން ހަމަނުޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާއިރު، ކޮވިޑް-19 އިގެ ހާލަތު ކުއްލިއަކަށް ގޯސްވީތޯ ވެސް ޖަމީލް މިއަދު ވަނީ ސުވާލު ކުރައްވައިފަ އެވެ.

މިގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ވެރިން އެކި ނަން ނަމުގައި އަތޮޅު ތެރެއަށް ދަތުރުތައް ކުރައްވަމުން ގެންދަވާކަން ޖަމީލް ފާހަގަކުރެއްވި އެވެ.

"ކޮން ބޮޑުކަމެއް ދިމާވެގެންތޯ، ރަޝްކޮށްގެން ކޮވިޑުގެ ތެރޭގައި ޝަރީއަތް ހިންގަން ތި އުޅުއްވަނީ؟ އާއްމު ހާލަތެއް އަންނަންދެން މަޑުކުރަންވީ ނުންތޯ؟ އާއްމު ހާލަތެއް އަންނަންދެން ރައީސް ޔާމީންގެ މައްޗަށް އޮތް ދައުވާތައް މަޑުކުރުމަކުން، މާސިންގާ ބޮޑު އާފާތެއް މިތަނަށް އައިސް ވެއްޓެނީތޯއޭ؟" ޖަމީލް ސުވާލު ކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ، ބޮޑު ހިޔާނާތާ ގުޅިގެން، 200 އެތައް މީހުންނެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އެ ދައުވާތައް ނުކޮށް ލަސްކޮށްފައިވާއިރު، ކޮވިޑް-19 އިގެ ހާލަތު އައިސްގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައްވެސް މަޑުޖައްސާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.