ހަބަރު

ކަފާލާތުގެ ހައްގު ކުށްވެރިންނަށް ނެތް: ދައުލަތް

ކަފާލާތަކީ ކުށްވެރިންނަށް ލިބިގެންވާ އަސާސީ ހައްގެއް ނޫން ކަމަށް ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން މިއަދު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް ހައިކޯޓުގައި އެދިވަޑައިގެންފައިވާތީ އެވެ. ރައީސް ޔާމީން އެހެން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ތެރޭގަ އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން އެދޭ ސަބަބުތައް މިއަދު އެމަނިކުފާނުގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ތަފްސީލްކޮށް ދެއްވި އެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކަފާލާތަކީ ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނަގާފައިވާ އެއްޗެއް ކަމަށެވެ.

އޭގެ ތެރޭގައި ކުށްވެރިވުމުގެ ކުރިން ކަފާލާތުގެ ހައްގާއި ކުށްވެރިވުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދުމުގެ ހައްގުގެ މަރުހަލާ ވެސް ހިމެނޭ ކަމަށެވެ. ކުށްވެރިވުމުގެ ކުރިން ކަފާލާތަށް އެދުމަކީ ގާނޫނު އަސާސީގައި ވެސް ވަރަށް ސާފުކޮށް ލިޔެފައިވާ ހައްގެކެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލިޔެފައިވެ އެވެ. ނަމަވެސް ކުށްވެރިވުމަށް ކަފާލާތަށް އެދިވެދާނެ ކަމަށް އެއްވެސް ގާނޫނަކު ލިޔެފައި ނެތެވެ.

ޖަމީލު ވިދާޅުވީ ސީދާ ލިޔެފައި ނެތް ނަމަވެސް ގާނޫނު އަސާސީއަށް ބެލުމުން ކުށްވެރިންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް ހައްގެއްކަން އެނގޭ ކަމަށެވެ. އެގޮތުން އަމިއްލަ މިނިވަން ކަމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށްވާއިރު ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގެއް ގާނޫނަކު ލިޔެފައި ނެތޭ ކިޔައި ހަނި ނުކުރެވޭނެ ކަމަށެވެ.

އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމަކީ ބޭރުގެ އެހެން ގައުމުތަކުން ވެސް އަމަލު ކުރާ ކަމެއް ކަމަށާއި އެއީ ގިނަ ބަހުސްތަކެއް ކުރެވި ގޮތްތަކެއް ނިމިފައިވާ ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން ކަފާލާތް ދީފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ކަފާލާތުގެ ހައްގު ދީފައިވަނީ މުތުލަގުކޮށް ކަމަށާއި އެއީ ކަމުގެ ބޮޑު ކަމާއި އިންސާފަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އަދި ސައުތު އެފެރިކާގެ ހުކުމެއް ވެސް ހުށަހެޅުއްވި އެވެ.

ޖަމީލު ވިދާޅުވީ ކޯޓުތަކުން ގޮތް ނިންމާއިރު ދިމިގްރާތީ މުޖުތަމައުތަކުން އަމަލު ކުރާ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމަށެވެ. އދ.ގެ އައިސީޕީއާރް މުއާހަދާގައި ވެސް ކަފާލާތުގެ ހައްގުގެ ވާހަކަ ލިޔެފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ކުށްވެރިންނަށް ކަފާލަތަކީ އަސާސީ ހައްގެއް ނޫން ކަމަށެވެ. އަސާސީ ހައްގުތައް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށާއި ކުށްވެރިންނަށް އެ ހައްގު އޮތް ކަމަކަށް ނެތް ކަމަށެވެ. އޭގެ އިތުރުން ވެސް ކަފާލަތް ކުށްވެރިންނަށް ދިނުން ގާނޫނީ ނިޒާމްގެ ތެރޭގައި ވެސް ނެތް ކަމަށެވެ. އަދި، އެއީ އެއްވެސް ގައުމެއްގައި ވެސް އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ކުށްވެރިންނަށް ކަފާލާތުގެ ހައްގު އޮންނަ ގައުމުތަކުގައި ވެސް އެކަން ކުރަނީ އެކަމަށް ހާއްސަ ގާނޫނެއް ހަދައިގެން ކަމަށެވެ. އެގޮތުން ސައުތު އެފެރިކާ ފާހަގަ ކުރެއްވި އެވެ. އެ ގައުމުގައި ބެއިލް ގާނޫނެއް އޮވެ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ދެ ހުކުމަށް ވެސް ވަކީލް އަލިއަޅުވާލެއްވި އެވެ. ވަކީލް އައިޝަތު ވިދާޅުވީ އެ ހުކުމުން ކިޔާލުމުން އެއީ ތުހުމަތު ކުރެވޭ މީހަކަށް އިއްވާފައިވާ ހުކުމެއްކަން އެނގޭ ކަމަށެވެ. އެ ހުކުމް އިއްވާފައިވަނީ ކުށްވެރިއެއްގެ މައްޗަށް ނޫންކަން އެނގޭ ކަމަށެވެ. އޭގެއިތުރުން އދ.ގެ މުއާހަދާގައި ވެސް ކަފާލާތުގެ ހައްގު ލާޒިމް ކުރަނީ ތުހުމަތު ކުރެވޭ މީހުންނަށް އެނގެން އެބަ އޮތް ކަމަށެވެ.

މީގެކުރިން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ކުރީގެ ރައީިސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކޮށްފަ އެވެ. އެކަން ޖަމީލު ފާހަގަ ކުރެއްވި އެވެ. އެ ތިން ބޭފުޅުން މިނިވަންކޮށްފައިވަނީ ހައިކޯޓުގެ ގަވައިދަކަށް ރިއާޔަތްކޮށެވެ. އެ ގަވައިދުގައިވާ ގޮތުން އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވިދާނެ އެވެ. ނަމަވެސް އެ ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރީގެ ގަވައިދެކެވެ.

ޖަމީލު ވިދާޅުވީ ހައިކޯޓުން އެގޮތަށް އަމަލު ކޮށްފައި އޮތުމުން އެއީ ގާނޫނީ އުސޫލެއްކަން އެނގިގެންދާ ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ވަކީލް އައިޝަތު ވިދާޅުވީ އެ ތިން މައްސަލަ އާއި ރައީސް ޔާމީންގެ މައްސަލަ ވަރަށް ތަފާތު ކަމަށެވެ. އެ ތިން މައްސަލާގައި އިޖުރާއީ ގިނަ މައްސަލަތަކެއް ދަށުގައި ހުރި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަމަށް އެ ފަރާތުން ވެސް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ޖިނާއީ ބޮޑު ކުށެއްކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމަށް ވެސް އެދުނެވެ. އެގޮތަށް އެދުނީ ސުޕްރީމް ކޯޓުން އެފަދަ ނިންމުންތަކެއް ނިންމާފައިވާތީ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުކުމް ތަންފީޒު ކުރުން ފަސްކުރި ނިންމުމެވެ.

ރައީސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށް ކަމަށްވާތީ އެމަނިކުފާނު ބަންދުގައި ހުރުމުން އެމަނިކުފާނާއި އެ ޕާޓީގެ ސިޔާސީ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި އިންތިހާބު ބޯމަތިވެފައިވާއިރު ގިނަ ގެއްލުންތަކެއްވަމުންދާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޕީޖީ ވަކީލް ވިދާޅުވީ ކުށެއް ސާބިތުވުމުން ޕާޓީއެއްގެ ލީޑަރުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަކީ މިހާރު ޕާޓީއެއްގެ ލީޑަރެއް ކަމަކަށް ގާނޫނު ނުދަންނަ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ ވަކި މީހަކު ވަށައިގެން އެނބުރޭ އެއްޗަކަށް ނުވާއިރު އާ ލީޑަރު ހޮވާނެ ގޮތްތައް ވެސް ގާނޫނުގައި އެބަ އޮތް ކަމަށެވެ. އެހެންކަމުން ހަރުދަނާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޕީޕީއެމްއަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން ވާހަކަ ނުދައްކަ އެވެ. އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 80 އަށްވުރެ ގިނަ ނުކުތާތައް ހުށަހަޅާފައިވެ އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ކަފާލާތާ މެދު ގޮތެއް ނިންމުމަށްފަހު އެވެ. ކަފާލާތާމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. މިއަދުގެ އަޑުއެހުމަށް ޕީޕީއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ވަނެވެ.