ހަބަރު

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވި އެވެ. އަދި ބެންޗު ބަދަލުވުމުގެ ކުރިން އޮތީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ގެންގޮސްފަ އެވެ.

މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

އެންމެ ފަހުން މި މައްސަލައާޢި ގުޅިގެން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ދައުލަތަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާތަކަކީ ކޮން ފައިސާތަކެއްކަން ތަފްސީލު ކޮށްދެވޭ ވަރަށް ތައްޔާރު ވުމަށް ފުލުހުންނަށް އަންގާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތާއި ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަ އަޑުއެހުމަށް ފަހު ފަނޑިޔާރު ބެންޗުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް މި ހިސާބުން ނިމުނީ ކަމަށާއި މި މައްސަލާގައި ސާފުކުރަން ޖެހޭ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިުލާންކޮށް މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ބެންޗުން ވަނީ ފުލުހުންނާއި، ރައީސް ޔާމީނާއި، ދައުލަތަށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަު ބަލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާތަކުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ދޭތޯ ފުލުހުންނާއި ސުވާލު ކުަރއްވާފަ އެވެ. ޖަވާބުގައި ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއްގައި ހުރި ފައިސާތަކާ ގުޅޭ ދެ މައްސަލައެއް ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ދެ މައްސަލައަކީ ކޮބައި ކަމާއި މި ފައިސާތަކަކީ ކޮންކަމަކާ ގުޅުންހުރި ފައިސާތަކެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކަށް ވާއިރު ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރަން އެދުނު ސަބަބު އޮޅުން ފިލުވައި ދިނުމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ. މި ކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހުރިހާ އެކައުންޓެއް ފްރީޒް ކުރަން އެދިފައި ވަނީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފާހަގަކުރެވޭ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް އަރާތީ ކަމަށާއި މި މައްސަލާގައި ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެޜޭގައި ބޭންކް ސްޓޭޓްމެންޓްތައް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިން ވިދާޅުވީ އެ މަނިކުފާނެ އެކައުންޓުގައި 100 މިލިއަން ޑޮލަރު ހުރުމަކީ އެކަމާ ފުލުހުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ތަހުގީގު ކުރަމުން ދަނީ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ކަމަށެވެ. އަދި ތަހްގީގީ މަރުހަލާގައި ވެސް އިތުރު ފައިސާ އަކާއި ގުޅޭ ގޮތުން އެމަނިކުފާނާއި ފުލުހުން ސުވާލު ކޮށްފައި ނުވާ ކަމަށާއި އާމްދަނީ ލިބެނީ އެމަނިކުފާނަށް ލިބޭ މުސާރައިން އެކަނި ކަމަށް ފުލުހުން ދެކެގެން ނުވާނެ ކަމަށެވެ.

"ތަހުގީގުގެ ތެރެއިން އެއްވެސް ދުވަހެއްގަ އަޅުގަނޑާ އިތުރު އެކައުންޓްތަކުގެ ހުރި ފައިސާއަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެއް ނުވޭ. އަޅުގަނޑުގެ އެކައުންޓްތަކުގަ 100 މިލިއަން ޑޮލަރު ހުރުމަކީ މިއީ ފުލުހުން ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން. އަޅުގަނޑަށް ތުހުމަތު ކުރެވޭ އެއް މިލިައން ޑޮލަރަކީ އޭސީސީ އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ހުރި ފައިސާ. އެހެންވީމަ އެހެން އެކައުންޓުތަކުގަ ފައިސާ ހުރުމަކުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑަށް އާމްދަނީ ލިބޭނެ ހަމައެކަނި މަގަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުން ލިބޭ މުސާރަ އެކަނި ކަމުގައި ދެކެގެން ނުވާނެ. ތަހުގީގުގެ ތެރެއިން އެ 100 މިލިއަން ޑޮލަރާއި ގުޅެ ގޮތުން ސުވާލު ކުރެއްވި ނަމަ އެކަންވެސް އޮޅުންފިލުވައި ދިނީސް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާނިން އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލޫޕްހޯލްތަކެއް ހަދައިގެން ބޭންކުން ކަސްޓަމަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ވަކާލާތު ނުކުރެވޭނެ ކަމަށާއި ޕީޖީ އޮފީހުން ގާނޫނާއި ހިލާފަށް އަމަލު ކުރަމުން ދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ކޯޓު އަމުރެއް ނެތި ކަސްޓމަރުންގެ އެކައުންޓްތަކުގެ ތަފްސީލު ބޭންކުތަކަށް ވެސް ނުދެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި ފުލުހުންނަކީ ގާނޫނުތައް ތަންފީޒު ކުރުމަށް އެންމެ ކުރީ ސަފުގައި ތިބެންޖެހޭ ބައެއް ކަމަށެވެ. އަދި ކޯޓު އަމުރެއްނެތި އެމަނިކުފާނުގެ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމަންޓު ހޯދުމަކީ ގާނޫނީ ކުށެއްކަން ފުލުހުންނަށް ވެސް އެނގެންޖެހޭނެ ކަމަށެެވެ.

ރައީސް ޔާމީން ވިދާޅުވީ މަނީ ލޯންޑްރިންއަކީ އެންމެ މުއާމަލާތެއް ނޫން ކަމަށެވެ. އެއީ ދެމިގެންދާ ވިޔަފާރިއެއް ކަމަށެވެ. ގާނޫނާ ހިލާފަށް ހޯދާ ފައިސާ، ނެރެ ލޯންޑާކޮށް އަސްލު އޮޅުވާލުން އެއީ އެތައް ފަހަރަކުން ކުރާ އަމަލެއް ކަމަށެވެ.

ފްރީޒް ކޮށްފައިވަނީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓް ކަމަށާއި އެހެން ކަމުން އިސްލާމިކް ބޭންކްގައި ހުރި އެއްވެސް އެކައުންޓަކުން އެހެން ބޭންކެއްގައި ހުރި އެކައުންޓަކަށް އަދި އެހެން ބޭންކް އެކައުންޓަކަށް އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ފައިސާ ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބޭންކްތަކުން ފައިސާ ނެރެގެން ފައިސާގެ އަސްލު އޮޅުވާލަން ކުރި މަސައްކަތެއް ވެސް ނޯންނާނެ ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ފައިސާއެއް ވެސް އެ ވަން ބޭންކްތަކުގައި އެބަހުރި ކަމަށެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވަމުން ޕީޖީގެ ވިދާޅުވީ އެއް ބޭންކުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް ބުނާ ބުނުމަކީ ހަގީގެއް ނޫން ކަމަށެވެ. އެއް ބޭންކެއްގެ ތެރޭގައި ވެސް ފައިސާގެ އަސްލު އޮޅުވާލުމުގެ އަމަލު ހިންގޭނެ ކަމަށެވެ.

އެމަނިކުފާނުގެ އެއް އެކައުންޓުން ދެ ވަނަ އެކައުންޓަކަށް ފައިސާ ބަދަލު ކުރުމަކީ އެ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށާއި ނުވަތަ ފައިސާ ފޮރުވަން އުޅުނީ ކަމަށް ނުބެލެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ކިތައް އެކައުންޓް ފްރީޒް ކޮށްފައިވޭތޯ މިއަދޔ ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތާއި ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ޕީޖީގެ ވަކީލް ވިދާޅުވީ ފަހުން އަމުރަކަށް އެދިގެން ފްރީޒުކޮށްފައި ވަނީ އެންމެ އެކައުންޓެއް ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ބެންޗުން ވަނީ އަށް އެކައުންޓްގައި ވެސް ތުހުމަތު ކުރެވޭ ފައިސާ ހުރި ކަމަށް ދައުލަތުން ބުނާއިރު ފަހުން އެއް އެކައުންޓް ފްރީޒުކުރަން އެދުނީ ކިހިނެއްވެގެންތޯ އާއި ދައުލަތުގެ ވާހަކަތައް ދެކޮޅު ޖައްސަން އުނދަގޫވާ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ހައިކޯޓުން އަށް އެކައުންޓް ފްރީޒުކުރި އަމުރުތައް ބާތިލް ކުރުމާއެކު ކުރިމިނަލް ކޯޓުން އެ އަމުރާ ހަވާލާދީ، ފަހުން އެދުނު އަމުރުތައް ވެސް ބާތިލް ކުރީ ކަަމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން މައްސަލާގައި ހިމެނޭ އެކައުންޓްތަކާ ގުޅޭ އިތުރު އަމުރެއް ކުރިމިނަލް ކޯޓުން ނެރެ ނުދޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާ އެވެ.