ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ހިޔާނާތުގެ އިތުރު ދެ ދައުވާއެއް އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދެ ދާއުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ. ދައުވާތައް މިހާރު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފެށިގެންދާނެ އެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލާގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ.

ދެން ދައުވާ އުފުލާފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށެވެ. އެ ދެ ކުންފުނީގެ މައްޗަށް ވެސް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ކުށް ސާބިތުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއީ މަންފާ ހޯދައި އޭސީސީއަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލާގަ އެވެ. އެ މައްސަލާގެ އިސްތިއުނާފު މިހާރު އޮތީ ހައިކޯޓުގަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އެ ކޮރަޕްޝަންގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅުން ވެސް ބައިވެރިވެފައިވާ ކަމަށާއި އެއީ ކޮންމެ ބޭފުޅެއް ވިޔަސް ޝަރީއަތަށް ގެންދެވޭ ފަދަ ކޮންމެ މައްސަލައެއް ގެންދާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.