ހަބަރު

ސްޓޭޓް މިނިސްޓަރަކަށް ދައުވާއެއް، ދިފާއީ ހެއްކަށް ގިނަ މިނިސްޓަރުން

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފި އެވެ. އެ ދައުވާއަށް އޭނާ މިއަދު ވަނީ އިންކާރުކޮށްފަ އެވެ. ޑރ. ސޯލިހަކީ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި ހަމައެކަނި ސްޓޭޓް މިނިސްޓަރެވެ. އޭނާ ހަވާލު ހުންނަވަނީ މިނިސްޓްރީގެ ލީގަލް މަސައްކަތްތަކާ އެވެ. މި މައްސަލައާ ގުޅިގެން މިހާރު ހުންނެވީ ސަސްޕެންޝަންގަ އެވެ.

ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަކި ރަށްތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކަކާ ގުޅިގެންނެވެ.

އަހުމަދު ސޯލިހު، ސިޓީ ފޮނުވާފައިވަނީ ކ. އަތޮޅުގެ ދެ ފަޅަކާއި ވ. ފިތްތެޔޮފުއްޓާ ގުޅޭ ގޮތުންނެވެ. މި ތިން ތަނަކީ ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އެ ތަންތަނުގެ ކުލި ދައުލަތަށް ލިބިފައިނުވާތީ އެކަން ތަހުގީގު ކުރަމުންދާ ތަންތަނެވެ. އެކަން ކޮމިޝަނުން ވަނީ މިނިސްޓްރީއަށް އަންގައި، އެ ތަންތަނުގެ ހެޑް ލީސް ބަދަލު ނުކުރުމަށް އަންގާފަ އެވެ.

މީގެތެރެއިން ދެ ފަޅާ ގުޅޭ ގޮތުން އެ ދެ ފަޅު ކުއްޔަށް ނަގާފައިވާ ފަރާތަށް ސޯލިހު ވަނީ ކޮމިޝަނުން އެއް ފަޅާއި ވ. އަތޮޅުގެ ރަށާ ގުޅޭ އެއްވެސް ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށް ބުނެ ސިޓީ ފޮނުވާފަ އެވެ. އަދި ދެވަނަ ފަޅު، ސަބް ލީސް ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ސޯލިހު ވަނީ ސިޓީއަކުން އަންގާފަ އެވެ. އެހެންވެ، ދައުލަތުން ބުނީ ސޯލިހުގެ މި އަމަލަކީ އޭނާއަށް ނުވަތަ މަންފާ ލިބިގެން ނުވާ ބަޔަކަށް ނަހަމަ ގޮތުގައި މަންފާ ހޯދުމަށް އޭނާގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ އަމަލެއް ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ސޯލިހުގެ މައްޗަށް އުފުލާފައިިވާ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ސޯލިހުގެ ވަކީލް އަބްދުﷲ ޝާއިރު ވަނީ ސުވާލުތަކެއް މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ މި މައްސަލާގެ އަޑުއެހުމުގައި ދައުލަތާ އަމާޒު ކުރައްވާފަ އެވެ. އެގޮތުން އޭނާގެ ފުރަތަމަ ސުވާލަކަށްވީ ދައުވާގެ އިބާރާތުން ދޭހަވާ ގޮތުގައި ދައުވާ ކުރަނީ ކޮމިޝަންގެ އެންގުމަކާ ހިލާފުވުމުން ކަމަށެވެ. ނަމަވެސް ދައުވާ ކުރާ ސަބަބެއް ކަމަށް ބުނަނީ ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ފޮނުވި ސިޓީތައް ކަމަށެވެ. އެހެންކަމުން ދައުވާގެ އަސާސަކީ ކޮބައިތޯ ޝާއިރު އެއްސެވި އެވެ.

ދައުލަތުގެ ވަކީލް އެއަށް ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވި އެވެ. އެގޮތުން ދެ ފަޅާއި ރަށާ ގުޅޭ ގޮތުން ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި ކުއްޔަށް ނަގާފައިވާ ފަރާތްތަކާއި ސޯލިހާ ދެމެދު ހިނގާފައިވާ މުއާމަލާތްތައް ސާފުކޮށް ކިޔައިދެއްވި އެވެ. ދެ ފަޅާއި ރަށާ ގުޅޭ ތަހުގީގެއް ހިނގަމުންދާކަން ކޮމިޝަނުން އަންގާފައިވާ ސިޓީއެއް ދައުލަތުން ދައްކާފައިވާއިރު، އެއް ފަޅާއި ރަށާ ގުޅޭ ތަހުގީގެއް ނުހިނގާކަން ސޯލިހު، ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ފޮނުވި ސިޓީގައިވެ އެވެ. އެ ދެ ތަން ކުއްޔަށް ނަގާފައިވާ ކުންފުނިތަކަކީ އެބޮނީ ކުންފުންޏާއި އެޗްޕީއޯ ރިސޯޓްސް ކުންފުންޏެވެ.

ދެން އޮތް ފަޅަކީ ސީހައުސް ރިސޯޓްސް ކުންފުންޏަށް ދޫކޮށްފައިވާ ފަޅެކެވެ. ދައުލަތުގެ ވަކީލް ދެއްކެވި ލިޔުންތަކަށް ބަލާއިރު، މިނިސްޓްރީން ވަނީ އެ ފަޅު ސަބް ލީސް ކުރުމުގެ ހުއްދައެއް ކުންފުންޏަށް ދީފަ އެވެ. އެ ހުއްދަ ދިނުމާއެކު ކޮމިޝަނުން ވަނީ ފަޅާ ގުޅޭ ތަހުގީގެއް ކުރަމުންދާ ކަމާއި އެ ފަޅު ކުއްޔަށް ދޫކުރި ފައިސާ ލިބިފައިނުވާކަން އަންގައި ސަބް ލީސް ކުރުން ހުއްޓުވުމަށް އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަށް ފަޅުގެ ސަބް ލީސް މިނިސްޓްރީއިން ކެންސަލްކުރި އެވެ. އެހެންވެ، ކުންފުނިން އަނެއްކާވެސް އެކަން އަލުން ރިވިއުކޮށް ދިނުމަށް އެދިފަ އެވެ. އެގޮތަށް ކުންފުނިން އެދުމާއެކު ޑރ. ސޯލިހު ވަނީ ސަބް ލީސް ކެންސަލްކުރުން ބާތިލްކޮށް ސަބް ލީސް ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބަޔާންކޮށް ހުއްދަ ދެއްވާފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޑރ. ސޯލިހަށް ދައުވާ ކުރާ އަސާސަކީ ރިޔާސީ ކޮމިޝަނުން ވަކި އެންގުންތަކެއް އަންގާފައިވަނިކޮށް އެކަން އެނގިހުރެ އެއާ ހިލާފަށް މައުލޫމާތު ފޯރުކޮށްދީ، ކޮމިޝަންގެ އެންގުމާ ހިލާފުވެފައިވާތީ ކަމަށެވެ. އަދި މި އަމަލުގައި ސޯލިހުގެ ނުރަނގަޅު ނިޔަތް ހާމަވާ ކަމަށާއި ފަޅު ސަބް ލީސް ކޮށްފައިވާ ގޮތެއް ސާފުވާން ނެތްއިރު، ކުއްޔަށް ދީފައިވާ ފައިސާ ދައުލަތަށް ލިބިފަ ނެތްކަން ވެސް ސޯލިހަށް ރަނގަޅަށް އެނގޭކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ދެން ދިފާއީ ވަކީލް ޝާއިރު ސުވާލު ކުރެއްވީ ރިޔާސީ ކޮމިޝަންގެ ގާނޫނީ ބާރުވެރިކަމާ ގުޅޭ ގޮތުންނެވެ. އެގޮތުން އެފަދަ އެންގުމެއް މިނިސްޓްރީއަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންވޭތޯ އާއި ކޮމިޝަން އުފައްދާފައިވަނީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ ވަކީލް ޝާއިރު ސުވާލު ކުރެއްވި އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ރިޔާސީ ކޮމިޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނު އަސާސީއިން ލިބިދޭ ބާރުގެ ބޭނުންކޮށްގެން އުފައްދާފައިވާ ކޮމިޝަނެއް ކަމަށެވެ. ރައީސްގެ ގަރާރު ބަލާލުމުން ވެސް ރިޔާސީ ކޮމިޝަނަކީ ޖިނާއީ އިދާރާތަކަށް ލިބިދޭ ހުރިހާ ބާރެއް ލިބޭ ކޮމިޝަނެއްކަން އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި، މާނަކުރުމުގެ ހަމަތަކުގެ ގާނޫނުގަައިވާ ގޮތުން ހުއްދަ ކަމެއް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ހުއްދަވާނެ ކަމަށާއި އެހެންވީމަ ތަހުގީގު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ބާރު ކޮމިޝަނަށް އޮންނާނެ ކަމަށެވެ. ކޮމިޝަންގެ ތަހުގީގަށް، އެ ރަށްތަކާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް މިނިސްޓްރީއަށް އެންގުމުގެ ބާރު އެ އުސޫލުގެ ތެރެއިން އޮންނާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ސުވާލުތަކަށްފަހު ވަކީލް ޝާއިރު ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް ސޯލިހު އިންކާރު ކުރައްވާ ކަމަށް ވިދާޅުވި އެވެ. ސޯލިހު އިންކާރު ކުރައްވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެއްވެސް ކަމެއް ކޮށްފައިވާނެ ކަމަށާއި އަމިއްލައަށް މަންފާއެއް ހޯދުމާއި ފައިދާއެއް ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ އަމަލު ހިމެނޭ ގޮތަށް މުޅި ދައުވާއަށް ކަމަށް ޝާއިރު ވިދާޅުވި އެވެ.

ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ސޯލިހާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ ދެ ލީގަލް އޮފިސަރުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ދެ ފަޅާއި ރަށާ ގުޅޭ ގޮތުން ކޮމިޝަނާއި މިނިސްޓްރީގެ މުއާމަލާތްތަކާއި ސޯލިހާއި ކުއްޔަށް ނަގާފައިވާ ކުންފުނިތަކާމެދު ވެފައިވާ މުއާމަލާތްތަކާއި މިނިސްޓްރީގެ ބައެއް މެމޯތައް ވަނީ ހުށަހަޅާފަ އެވެ.

ޑރ. ސޯލިހުގެ ފަރާތުން ވެސް ވަނީ ދިފާއީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ހުށަހެޅި އެވެ. އޭގެއިތުރުން އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ ނަން ވަނީ ހުށަހަޅާފަ އެވެ. ދެން ހުށަހެޅީ މިނިސްޓްރީގެ ހަތަރު މުވައްޒަފެއްގެ ނަމާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަލީ ޝިޔާމާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ ނަމެވެ. ކިތާބީ ހެކީގެ ގޮތުގައި ދެ ފަޅާއި ރަށާ ގުޅޭ މުއާމަލާތްތައް ސޯލިހު ވެސް ހުށަހެޅި އެވެ.

ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ނަންތައް ވަކި ސީދާ ސަބަބެއް ހާމަނުކޮށް ހެކީގެ ގޮތުގައި ހުށަހެޅުމުން ދައުލަތުގެ ވަކީލް ވަނީ އެކަމާ އިއުތިރާޒު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ވަކީލް ޝާއިރު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ހެކީގެ ގޮތުގައި ހުށަހެޅީ ސޯލިހު އަމަލުކޮށްފައިވަނީ ގޯސްކޮށް ނޫންކަން ސާބިތުކޮށްދީ، މިކަމާ ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާތަކެއް ކުރެވި ގޮތްތަކެއް ކަނޑައަޅާފައިވާކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ހެކިތައް ބަލައިގަތުމާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިނެވެ. ދެން އޮންނަ އަޑުއެހުމުގައި އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތް ކަނޑައެޅުން ވެސް އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ތަހުގީގު މިހާރު ވެސް ރިޔާސީ ކޮމިޝަނާއި ފުލުހުން އަދި އޭސީސީއިން ދަނީ ކުރަމުންނެވެ. ގިނަ ރަށްތަކެއް ކުއްޔަށް ދޫކުރި ފައިސާ ދައުލަތަށް ލިބިފައިނުވާއިރު އެ ރަށްތަކާ ގުޅޭ ހަރަކާތްތައް ވަގުތީ ގޮތުން ވަނީ ހުއްޓުވާފަ އެވެ. މިކަމުގައި ގިނަ އަދަދެއްގެ ރަށްތައް ހިމެނޭއިރު ކޮރަޕްޝަންގައި ޝާމިލްވާ މީހުންނަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.