ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އޭގެ ފަހުން ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
އެ ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް، ލިޔުކިއުންތައް ފޯރުކޮށްދިނުމުގެ އިތުރުން، ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ދިނުމަށް ކޯޓުން އަންގާފައިވާއިރު، އެކަމަށް ހޯމް މިނިސްޓްރީ އިސްވެ ހުރަސް އަޅަމުންދާކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މި މަހުގެ ހަވަނަ ދުވަހު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ކުއްލިއަކަށް ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫނީ ބައްދަލުވުން ހަމަނުޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާ އެންގުމަށްވެސް ޖަމީލް އިސްވެ ވަނީ ފާޑުވިދާޅުވެފައި އެވެ.
މިގޮތުން ޖަމީލް މިއަދު ވިދާޅުވީ، އެންމެ ފަހުން ބޭއްވުނު އަޑުއެހުމަށްފަހު، ފުރަތަމަ ފަހަރަށް ރައީސް ޔާމީނާއެކު ވަކީލުންގެ ބައްދަލުވުންތައް ފެށިފައިވާ ކަމަށެވެ.
"ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި," އެކަމުން ޑިމޮކްރެސީގެ ނަމަށްވެސް ހުތުރުކަމަށް ވިދާޅުވެ، ޖަމީލް ތުހުމަތު ކުރެއްވި އެވެ.