ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އެންގުމާއި ގުޅިގެން ވަކީލުންގެ ބައްދަލްވުމަށް ފުރުސަތު ދީފި އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލްކުރުމުގެ ފުރުސަތު ނުލިބޭތާ ދޮޅު މަހެއްހާ ދުވަސްވެފައިވާ ކަމަށް ވަކީލުން ވިދާޅުވެއެވެ. އެކަމާއި ގުޅިގެން ކުރިމިނަލް ކޯޓާއި ހައިކޯޓްގައި ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ދެ ކޯޓުންވެސް ވަނީ އެ ފުރުސަތު ދިނުމަށް ކަރެކްޝަނަށް އަންގާފައެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނާއި ވަކީލުންނަށް ބައްދަލުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ޖަމީލް ވިދާޅުވީ މި ދުވަސް ދެކެން ޖެހިދާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށެވެ.
"އެމްޑީޕީން އެ ކަށަވަރުކުރީ ރައީސް ސޯލިހު އެ ވިދާޅުވާ ތާހިރު އަދުލްގެ ނިޒާމު. މިއަދު ހޯމް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ވާހަކަތަކެއް ދެކޮޅު ނުޖެހޭ ކަމާއި އެއީ ގާނޫނާއި ހިލާފު ވާހަކަތަކެއްކަން އެނގިގެން މިދިޔައީ،" ބައްދަލުވުން ނުބޭއްވެނީ ވަކީލުން ބޭނުން ނުވާތީ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު މީގެ ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވަނީ ކޯޓުން އަންގައިގެން ވަކީލުންގެ ބައްދަލްވުން ހަމަޖެހިފައިވާކަން ހާމަކޮށް ކަރެކްޝަނުން ފޮނުވި ސިޓީވެސް އާންމު ކުރައްވާފައެވެ. އެ ސިޓީގައި ރައީސް ޔާމީނާއި ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަނަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ބައްދަލްވުން އޮތީ މިއަދު މެންދުރު 2 ޖެހިއިރު މާފުށީ ޖަލުގައެވެ.
ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން "ލައްކަ" މަސައްކަތް ކުރެވިއްޖެ ކަމަށް އިމްރާން ވަނީ ކުރިން ވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އަސާސީ ހައްގުތަކަށްޓަކައި މިއަދު ޖެހިފައިވަނީ އާދޭސް ކުރަން ކަމަށެވެ.
"ގައުމުގެ އުންމީދު އަދިވެސް އޮތީ ރައީސް ޔާމީނާއެކު. އިންޝާﷲ، މިކަން ކާމިޔާބު ކުރާނަން،" ރައީސް ޔާމީންގެ ފޮޓޯފުޅަކާއެކު ޖަމީލް ކުރެއްވި އިތުުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.