ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ބައްދަލްވުމަށް މިއަދު ފުރުސަތު ދީފައިނުވާތީ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީގެ ކުރިންވެސް އެކި ސަބަބުތައް މެދުވެރިކޮށް ވަކީލުންގެ ބައްދަލްވުމަށް ތަފާތު ހުރަސްތައް ވަނީ ކުރިމަތިކޮށްފައެވެ. މިއަދުގެ ބައްދަލްވުމަށް ވަކީލުންނަށް ފުރުސަތު ނުދިނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށަނާޅާ ކަމަށް ބުނެ އެވެ. މިއީ މީގެ ކުރިން އެއްވެސް ބައްދަލްވުމަކަށް ކުރިމަތިކުރި ޝަރުތެއް ނޫނެވެ. ވަކީލުންގެ ބައްދަލްވުމަށް ދިއުމުން ކަރެކްޝަނުން ވަނީ ސިޓީއެއް ހަވާލުކޮށްފައެވެ. އެ ސިޓީގައި ބައްދަލް ނުކުރެވޭ ސަބަބެއް ކަމަށް ބުނެފައިވަނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހުށައަޅާފައި ނުވުމެވެ.
އަވަސްއާ ވާހަކަދައްކަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބް ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ހައްގުތަކަށް އެކި ސިފަސިފާގައި މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި ވަކީލުންގެ ހައްގުން މަހުރޫމް ކުރުމަށް އެކި ފަހަރު އެކި ސަބަބުތައް ދައްކަމުންދާ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑުމެންނަށް މި ގެއްލުނީ. ހަގީގަތުގައި ތަކުރާރުކޮށް ވަކީލުންގެ ހައްގުތަކަށް ކަރެކްޝަނުން މި ދަނީ އަރައިގަންނަމުން. ވަކީލުންގެ ހައްގަށް ހުރަސް އަޅާ ރައީސް ޔާމީންގެ ހައްގުތައް ހިފަހައްޓަމުން އެ ގެންދަނީ،" ޖަމީލް ވިދާޅުވިއެވެ.
މީގެ ކުރިން ކޯޓުން އަންގައިގެންވެސް ވަކީލުންގެ ބައްދަލްވުންތައް އިންތިޒާމު ކޮށްދޭން ޖެހުނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނުފެށިގެން އުޅެނީވެސް ދެ ދައުވާ އާ ގުޅޭ ލިއުންތައް ދިރާސާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިނުދެވިގެންނެވެ. ކޯޓުން ވަނީ ޕީޖީ މެދުވެރިވެގެން ދައުލަތުން އެ އިންތިޒާމް ހަމަޖެއްސުމަށް އަމުރުކޮށްފައެވެ. މިއަދުގެ ވަކީލުންގެ ބައްދަލްވުން ކެންސަލްވީ އެ އަމުރު ނެރެފައިވަނިކޮށެވެ.