ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމާ ބައްދަލް ކުރަން ހޯމް މިނިސްޓްރީން ހުރަސް އަޅަމުން ގެންދާތީ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމުގައި ގާނޫނު އަސާސީން ކަނޑައަޅާފައިވާ ދުސްތޫރީ ހައްގެއް ކަމަށްވާ ގަނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް މިދިޔަ ދުވަސްތަކުގައި ހޯމް މިނިސްޓްރީން ގެންދިޔަައީ ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި މަހުގެ ހަވަނަ ދުވަހު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ކުއްލިއަކަށް ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫނީ ބައްދަލުވުން ހަމަނުޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން އެންގުމަކީ ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ މި އަމަލީ އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އޮތް އޮތުމާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީގޮތުން ލިބޭ ހައްގުތަށް ފުރިހަމައަށް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަށް ގޮވާލާފައި ވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ފެށުމަށްވެސް ވަކީލުންގެ ބައްދަލްވުންތަކަށް ފުރުސަތު ނެތުމުން ހުރަސް އެޅުނެވެ. އެހެން ކަމުން ކޯޓުން ވަނީ ބައްދަލްވުންތަކަށް ފުރުސަތު ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްފަ އެވެ.
އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ގޮތަކުން ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާ ގާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަަމަށްވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ކުށުގެ ތުހުމަތު ކޮށްފައިވާއިރު އެއިން އެއްވެސް މީހެއްގެ މައްޗަށް މިއަދާ ހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި ދައުވާއުފުލައި ނުވަތަ އިތުރު ތަހުގީގެއް ހިންގާފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.
"... ހަމައެކަނި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުން ދިއުމަކީ އިއްތިފާގެއްކަ މަށް ނުދެކެން. އަދި އިސްވެ ދެންނެވުނު އުސޫލުތަކާއި ސަބަބުތައް އެއްކިބާކުރުމަށްފަހު ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އުފުލާފައިވާ ދެ ދައުވާއަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ދައުވާތަކެއް ކަމުގައި ގަބޫލުކުރަން ޖެހޭ،"
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ތަހުގީގު ހިންގާ އުފުލާފައިވާ ދައުވާތަކެއް ކަމަށާ ހަގީގީ ކުށްވެރިން ތިބީ ގޭގައި ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.