ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނުގެ ޝަރީއަތްތައް ފަސްކޮށްދޭން އެދެފި

May 30, 2021
1

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް ފަސް ކޮށްދޭން ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެދެފި އެވެ.

ކްރިމިނަލް ކޯޓުގައި ތާވަލްކޮށް މިއަދު ހެނދުނު 9:30 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތެވެ.

ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްގެނެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތް އޮންނަ ކަން ދުރާލައި އަންގާފައިވީ ނަމަވެސް މިއީ ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާތެރި ވަގުތެއް ކަމަށެވެ. އެހެންކަމުން މިފަދަ ވަގުތެއްގައި އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމަކީ އެއީ ސިއްހީ ނުރައްކަލަކަށް ހުށަހެޅޭނެ ސަބަބެއް ކަމަށެވެ. ކޯޓުގެ އެ އަމަލަކީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ދިރި ހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފުސު ރައްކާތެރި ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެދިފައިވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ޝަރީއަތް ކުރިއަށް ގެންދާށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިން ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ސަންގެ ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދައުވާ ލިބޭ ތިން ފަރާތުން ވެސް މީގެ ކުރިން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ބުނާ މައްސަލަ އެއްވެސް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވެސް ވެއެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ ދައުވާ އިންކާރު ކުރައްވާފަ އެވެ.

މިދިޔަ ރޯދަ މަހުގެ ގެއަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ގޭ ބަންދުގަ އެވެ.