ޕީޕީއެމް

ޔާމީނަށް އިއްވި ހުކުމް ހޯދަން އިދިކޮޅު ލީޑަރުން ކްރިމިނަލް ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް ނުލިބޭ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ރައީސް ޔާމީންގެ ވަކީލުންނާއެކު ރިޕޯޓް ހޯދުމަށް ކްރިމިނަލް ކޯޓަށް ހިނގައްޖެ އެވެ.

އިދިކޮޅުން ބުނީ ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް ނުލިބޭ ކަމަށާއި ހުކުމް މަޖިލިސްވެސް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ޑިލީޓް ކޮށްލައިފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުން ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއް ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު އެ މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލުކުރަން ޖެހެ އެވެ.

އިދިކޮޅުގެ ކަންބޮޑުވުމަކަށް ވެފައި މިވަނީ ހުކުމް ކުރިތާ އެތައް ގަޑި އިރެއް ވެގެން ދިޔަ އިރުވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް ނުލިބުމެވެ.

ރައީސް ޔާމީންގެ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ މި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ފެށުމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ބޭނުންވާ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން ރިޕޯޓު ނުދީ ލަސްކުރާ ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ހުކުމެއްގައި ލިޔެވޭނީ ފަނޑިޔާރު އިއްވި މިންވަރު ކަމަށާއި އިތުރު ކަންތައްތައް ހިމަނައިގެން ހުކުމް ފުރިހަމަކުރަން މަސައްކަތް ކުރުމަކީ ހުކުމަށް ބަދަލު ގެނައުން ކަމަށެވެ.

ޝިޔާޒް މިހެން ވިދާޅުވެފައި މިވަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ރައީސް ޔާމީންގެ ހުކުމް މަޖިލިސް ޑިލީޓްކޮށްލައިފައިވަނީ ރިޕޯޓު ބަދަލު ކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ވަގުތެއްގަ އެވެ.

ހުކުމްގެ މަރުހަލާ ނިންމާލުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހުކުމް ކުރެއްވީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.

މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.