ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގެ ރިޕޯޓު ލިބުނުހާ އަވަހަކަށް މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ހުކުމްގެ މަރުހަލާ ނިންމާލުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންއާއި ދެކޮޅަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
"ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން، މި ދެ ކުށަށް ބެލި ކަމުގައި ވިޔަސް، ދައުލަތަކަށް ހަމަ އެންމެ ހެއްކެއްވެސް، ހަމަ އެންމެ ހެއްކެއްވެސް ހުށަހެޅިފައެއް ނުވޭ، ކޮބާތޯ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ހިންގެވި އަމަލަކީ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އެ އަމަލު ހިންގަން ރައީސް ޔާމީން ނުފޫޒު ފޯރުވި ގޮތަކީ ކޮބާކަން ސާބިތުވާ ވަރުގެ އެންމެ ހެއްކެއްވެސް ދައުލަތައް ހުށަހެޅިފާ ނުވާކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާތްތަކުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިއަދު އިރުއޮއްސުނު އިރު އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހުކުމް ކުރެއްވީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.
މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.