ރައީސް އަބްދުﷲ ޔާމީން

ޔާމީން ދައްކަވަންޖެހޭ 53 މިލިއަން ރުފިޔާގެ މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން. ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް އިސްތިއުނާފުކުރަން ވަނީ ހުށަހަޅުއްވާފަ --ފޮޓޯ: އަވަސް
100%
0%
0%

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވައިފި އެވެ.

އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވީ އިއްޔެ އެވެ.

މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއިއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާވެސް ފައިސާ އިތުރުކުރުމަށްފަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްގެން ކަމަށެވެ.

އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއި އެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށެވެ.

މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުފައްކިރު

ސާބިތުވި ނޫން. ސާބިތު ކުރުވި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910