ރައީސް އަބްދުﷲ ޔާމީން

ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން ޔާމީންގެ ޝަރީއަތް ހުއްޓިއްޖެ

ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ހުއްޓިއްޖެ އެވެ.

ޝަރީއަތް މިފަހަރުވެސް ހުއްޓުނީ ކުރިންވެސް ޝަރީއަތް ހުއްޓުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ނަމަވެސް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންނެވި ކަމަށް ބުނާ މައްސަލައިގައި ހައިކޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާ ގުޅިގެން ހައިކޯޓުގައި އޮތް އިސްތިއުނާފް މައްސަލަ އަވަސްކުރުމަށް މީގެކުރިންވެސް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ކޮންމެ ދުވަހަކު ހައިކޯޓަށް ވަޑައިގެން އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. ނަމަވެސް އޭރުވެސް އެ މައްސަލައިގެ ޝަރީއަތް ލަސްވީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ރައީސް ޔާމީން ރައީސްކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ އިސް ބޭފުޅަކު މިއަދު އަވަސްއަށް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް އަނެއްކާވެސް ހުއްޓިފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

"ވަކީލުންގެ ފަރާތުން އަޅުގަނޑުމެން ލިބޭ މައުލޫމާތަކީ ފަނޑިޔާރުގެ ޗުއްޓީއަށްފަހު ޝަރީއަތް ސީދާ ފެށޭނެ ދުވަހެއްވެސް އަދި ދަންނަވަން ނޭނގޭކަން. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް މިފަހަރު ހުއްޓިގެން ދިއުމުގައި ޕީޖީ ހުސައިން ޝަމީމުގެ ދައުރެއް ވެސް އެބައޮތް ކަމަށެވެ. އެއީ މިދިޔަ އޮގަސްޓުން ފެށިގެން ހައިކޯޓުގައި ތާވަލްކުރަމުން ދިޔަ ރައީސް ޔާމީންގެ ޝަރީއަތްތައް ޕީޖީ އިން އެދިގެން ކެންސަލްކޮށްފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ޝަރީއަތް ފަސްކުރަން ޕީޖީ އިން ރާވައިގެން ކުރާ ކަންކަން. ފަނޑިޔާރުންވެސް ވަކި ދުވަހަކަށް ޗުއްޓީ ނަގަން ތާވަލްކޮށް އެކަން ކުރާނެ ކަމަށް އަޅުގަނޑުމެންވެސް ގަބޫލުކުރަން. އެހެންވީމާ މިފަހަރު ޝަރީއަތް ހުއްޓުމުގެ ޒިންމާ އެންމެ ބޮޑަށް އޮތީ ޕީޖީގެ ބޮލުގައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.