ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާއިރު އެމަނިކުފާނުގެ ފަރާތުން އަދިވެސް އެ މައްސަލަ އިސްތިއުނާފަށް ނުލާކަން ހާމަވެއްޖެ އެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބަލައި ނުގަންނާނެ ކަމަށާއި އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ. އަދި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބިގެން ރައީސް ޔާމީންގެ ވަކީލުންނާއި އިދިކޮޅު ކޯލިޝަންގެ ވެރިންގެ ނުތަނަވަސްކަން ބޮޑުވެ ކްރިމިނަލް ކޯޓަށް އެތަށް ފަހަރަކު ދިޔަ އެވެ.
ރައީސް ޔާމީނަށް ކުރި ހުކުމަށްފަހު އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މީގެ ކުރިން ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންވެ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
"ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން، މި ދެ ކުށަށް ބެލި ކަމުގައި ވިޔަސް، ދައުލަތަކަށް ހަމަ އެންމެ ހެއްކެއްވެސް، ހަމަ އެންމެ ހެއްކެއްވެސް ހުށަހެޅިފައެއް ނުވޭ، ކޮބާތޯ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ހިންގެވި އަމަލަކީ،" ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހު ޖަމީލް ވިދާޅުވި އެވެ.
ސިވިލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އިދިކޮޅުން ބުނަމުން އަންނައިރު ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރުވެސް ހައި ކޯޓުގެ ރަޖިސްޓްރީން އިސްތިއުނާފުގެ މައްސަލަ ފެންނާކަށް ނެތެވެ.
މީގެ ކުރިންވެސް ރައީސް ޔާމީނާ ދެކޮޅަށް ސާބިތުވި މައްސަލައެއް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާގައި ގާތްގަނޑަކަށް އެއް އަހަރު ވެގެން ދިޔަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ރިޔާސީ އިންތިހާބަށް ދެން އޮތީ ގާތްގަނޑަކަށް 8 މަސް ދުވަހެވެ.