އަސްލު އަނިޔާވެރި ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ކަމަށް ވިދާޅުވެ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ރައްދުދެއްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބ. ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަން ވެގެންދާނީ އަނިޔާވެރި ވެރިކަމަކަށް ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަސްލު ހަގީގަތުގައި އަނިޔާވެރި ވެރިކަމެއް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށާއި އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެކަން ބަދަލުކޮށް އަނިޔާވެރިކަން އެއްކޮށް ނައްތާލުމަށް ކަމުގައި ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އަނިޔާވެރިކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އެއްޗެއް ނޫން ކަމަށާއި ނަފްސާނީ ގޮތުންވެސް އެތައް އަނިޔާއެއް ދެވޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށާއި މި ސަރުކާރުގެ ތެރެއިން ފެންނަމުންދަނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގައި ޒުވާނުންނަށް ވަޒީފާ ދީފައި ބިރުދެއްކުމަކީ އަނިޔާވެރިކަން. އެކަމަކީ ނަފުސާނީ އަނިޔާއެއް. ސަފަށް އަރައި، ސަލާން ކޮށްލައިފިއްޔާ ވަޒީފާ އިން ކަނޑާލާނަމޭ. މިކަން ދިމާވެއްޖެ ބައެއް ރަށްތަކުގައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުއަށް އަމާޒުކޮށް މި ސަރުކާރުން އަނިޔާވެރިކަމުގެ ވާހަކަ ދައްކަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭނާ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީތީ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ސިޔާސީ ބޭފުޅުންނާއި އާންމުންގެ އެތައް ބަޔަކު ޖަލަށްލައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅި ކަމަށް ބުނެ އެމްޑީޕީން އަބަދުވެސް އެ ވާހަކަދައްކަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ރައްޔިތުން އޭނާއަށް ވޯޓު ދީފިނަމަ ރާއްޖެއިން ފެންނަމުންދާ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަން ނައްތާލާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.