އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓުގައި މާދަމާ ސޮއިކުރަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު އެ ކޮމިޝަނުން ބުނި ގޮތުގައި ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00ގެ ނިޔަލަށެވެ. ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގޭގަ އެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މީގެ ތެރޭގައި އިންތިހާބު ބާއްވާ ތާރީހަށް 18 އަހަރު ފުރިގެން އަލަށް ވޯޓުލެވޭ 408 މީހުން ހިމެނެ އެވެ.