ދަ ޑިމޮކްރެޓްސް

އެމްޑީޕީ ދޫކޮށް އެމްޑީއޭ ދިއުމަކީ ހުތުރު އަމަލެއް: ޝިފާޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް -- އެމްޑީއޭ އިން އެމްޑީޕީ ދޫކޮށް ދިއުމަކީ ހުތުރު އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރި އެމްޑީއޭ އިން އެ ކޯލިޝަން ރޫޅާލީ އެ ޕާޓީގެ ކައުންސިލުގެ ބޮޑު އަގުލަބިއްޔަތަކާއެކުގަ އެވެ.

އެމްޑީއޭ އިން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށްވެސް ނިންމާފަ އެވެ.

ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސިޔާސީ ޕާޓީއަކުން ކޮށްގެންވާނެ ވަރުގެ ކަމެއްކަމަށް ނުދެކޭ ކަމަށެވެ.

"އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުންއައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި އަަމަލެއް އަދި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަކަށް ނުދެކެން،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު މިހެން ވިދާޅުވިއިރު އެމްޑީޕީއާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ހަދާފައި އޮތް ކޯލިޝަން އެމްޑީއޭ އިން ރޫޅާލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން އެނގިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.