ދަ ޑިމޮކްރެޓްސް

އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޑިމޮކްރެޓުން ނިންމައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ޑިމޮކްރެޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތެއް ނިންމުމަށް މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޕާޓީގެ އިންޓަރިމު ކައުންސިލުގެ ހަތްވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތީން އިއްޔެގެ ނިޔަލަށް ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން އަދި އެމްޑީޕީން އެއްބަސްވެފައިނުވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން ނިންމާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން މި ނިންމުން ނިންމާފައިވާއިރު އެ ޕާޓީގެ އިންޓަރިމު ކައުންސިލުގެ ހަތްވަނަ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމަށް ޝަރުތުތަކެއް ކަނޑައަޅައި ގަރާރެއް ފާސްކުރި އެވެ.

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމު ކައުންސިލަށް މި ގަރާރު ހުށަހެޅުއްވީ ކައުންސިލް މެންބަރު މުހައްމަދު ޝިފާޒެވެ.

ޝިފާޒުގެ ގަރާރުގައި ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީޕީއެމް ޕީއެންސީއަށް ޝަރުތުކޮށްފައިވަނީ މުއިއްޒަށް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފިނަމަ ސަރުކާރުގެ ބައެއް މަގާމުތަކަށް އެ ޕާޓީއަށް ހަމަޖެއްސުމާއި ޑިމޮކްރެޓުންގެ ބައެއް ސިޔާސަތުތައް މުއިއްޒުގެ ސަރުކާރެއްގައި ތަންފީޒުކޮށްދިނުމަށެވެ.

ޕީޕީއެމް ޕީއެންސީ އިން ޝަރުތުތަކަށް އެއްބަސްވާނަމަ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޝަރުތުކޮށްފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ގަރާރުގައި ޝަރުތުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓަކަށް އާންމު ވޯޓަކަށް އެހުމަށް އެއްބަސްވުމަށެވެ.

މި ގަރާރުގައި ވަނީ ދެ ކެންޑިޑޭޓުން ޑިމޮކްރެޓުންގެ ޝަރުތުތަކަށް އެއްބަސްނުވާނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.

ގަރާރު ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި 50 މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.