ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ފޯރިގަދަ ވެފައިވާއިރު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މިވަގުތު ތިއްބެވީ އައްޑޫ ސިޓީ ގައެވެ.
ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެންނެވީ ރޭ މާލޭގައި ކެމްޕޭން ޖަލްސާއެއް ބޭއްވުމަށްފަހު ރޭ މެންދަމުގެ ވަގުތެއް ގައެވެ. މުއިއްޒު އައްޑޫއަށް ވަޑައިގެންނެވީ ރޭ ފުވައްމުލަކުގައި ޖަލްސާއެއް ބޭއްވުމަށްފަހު މިއަދު ހެނދުނު އެވެ.
މާލެެއަށްފަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުން އެންމެ ގިނައީ އައްޑޫ ސިޓީ ގައެވެ. އެހެންވެ ދެ ކެންޑިޑޭޓުންނަށްވެސް އައްޑޫގެ މެޖޯރިޓީ ވަރަށް މުހިއްމެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީ އަކީ އައްޑޫ ސިޓީ އެވެ. އޭގެއިތުރުން ދެ އަތޮޅެއްގެ މެޖޯރިޓީ ފިޔަވާ އެހެން ހުރިހާ އަތޮޅެއްގެ މެޖޯރިޓީ ވެސް ހޯއްދެވީ ޑރ. މުއިއްޒު އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި މުއިއްޒު ވެސް އަދި ރައީސް ސޯލިހްވެސް އައްޑޫއަށް ވަޑައިގެން ވަރުގަދައަށް ކެމްޕޭން ކުރެއްވި އެވެ. އަލުން އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ދެ ކެންޑިޑޭޓުންވެސް އައްޑޫއަށް ވަޑައިގެން މިހާރު ގެންދަވަނީ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ މަސައްކަތްތައް އަލުން އިންތިޒާމު ކުރައްވަމުންނެވެ.
ދެ ކެންޑިޑޭޓުންވެސް މީގެކުރިން ވިދާޅުވި ގޮތުގައި އައްޑޫގެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނެ އެވެ.