ރިޔާސީ އިންތިހާބު 2023

ބާނިގެ ދިރާސާ: އިންތިހާބުގައި ގިނަ ވޯޓު ރައީސް ސޯލިހަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ ވޯޓު ލިބެނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ބާނި ސެންޓަ ފޯ އިންޓަނޭޝަނަލް ޕޮލިސީ އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

ސާވޭގައި ހޯދުންތަކުން ރައީސް ސޯލިހަށް 30 ޕަސަންޓް ލިބިވަޑައިގެންނެވި ނަމަވެސް ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 36 ޕަސަންޓް މީހުން އަދިވެސް ވަކި ގޮތެއް ނުނިންމާ ތިބިކަން ފާހަގަކޮށްފައިވެ އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މި ސާވޭގައި ލިބިވަޑައިގަތީ 24 ޕަސަންޓެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ގޮތެއް ނުނިންމާ ގިނަ ބަޔަކު ތިބުމަކީ ރައީސަށް ދަތިތަކެއް ދިމާވެދާނެ ކަމެއް ކަމަށް ސާވޭގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުގައި ވަކި ގޮތެއް ނުނިންމާ ގިނަ ބަޔަކު ތިބުމުން ނަތީޖާއާ މެދު ސާފުކޮށް އެއްޗެއް ބުނަން ނޭނގޭ ކަމަށްވެސް ސާވޭގައި ފާހަގަކޮށްފައިވެ އެވެ.

ބާނި ސެންޓަ ފޯ އިންޓަނޭޝަނަލް ޕޮލިސީ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށް މިއަހަރުގެ އޮގަސްޓް މަހު ކުރި ސާވޭގައިވެސް ގިނަ ވޯޓު ހޯއްދަވާނީ ރައީސް ސޯލިހް ކަމަށް ދައްކާފައިވެ އެވެ. ނަމަވެސް އޭރުވެސް އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނުނިންމާ ގިނަ ބަޔަކު ތިބިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 42 ޕަސަންޓް މީހުން އޭރު ގޮތެއް ނުނިންމާކަން ސާވޭއިން ހާމަވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،494 ވޯޓު -- 45.99 ޕަސަންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،166 ވޯޓު -- 39.04 ޕަސަންޓެވެ.