އެމްޑީއޭ

ރައީސް ސޯލިހް ދޫކޮށް، މުއިއްޒު ފަޅިއަށް އެމްޑީއޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފި އެވެ.

އެމްޑީއޭ އަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައި އޮތް ޕާޓީ އެކެވެ.

އެމްޑީޕީއާ އެކު އެމްޑީއޭ އިން ހަދާފައިވާ ކޯލިޝަން ރޫޅާލި ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރުމަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން އުވާލައި މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް އެމްޑީއޭ އިން މިރޭ ނިންމާފައިވާ ކަމަށް އެޕާޓީގެ ބައެއް ކައުންސިލް މެންބަރުން ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު، ރައީސް ސޯލިހްގެ އަރިހުގައި ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރަށްތަކުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދެއްކެވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ރައީސް ބޭއްވެވި އެއްވެސް ޖަލްސާއަކުން ސިޔާމު ފެނިފައެއް ނުވެ އެވެ.